ރިޕޯޓް

ކިޑްނީ ބަލީގެ "ޕޭޝަންޓަކަށް" ބޭސް ފޮނުވަން ބޯޓަށް ދެވޭނެ ގޮތެއް ނެތި ވާރޭ ތެރޭގަ ހުއްޓާ އެހީތެރިވި މި ދެ ބިދޭސީންނަށް ބަރަކާތްލައްވާށި!

ދެން އެމްވީ ، ދެން އޮންލައިން

އާލަމީ ބައްޔެއްގެ ގޮތުގައި މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް 19ގެ ބިރާސް ކަމުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުން ތިބި މި ދަނޑިވަޅަކީ އެކިގޮތްގޮތުން އެކި މީހުންގެ އިހްސާންތެރިކަމާއި، ދީލަތިކަން އަދި ހިތްހެޔޮކަން އިންތިހާއަށް ހާމަވަމުން އެބަދެއެވެ. މާލޭގެ ބައެެއް ގެތަކުގެ ވެރިން އެމީހުންގެ ގޭގެ ކުލިން ބައެއް ކަނޑާލަ ދެނީއެވެ. ނުވަތަ ކުލި މާފުކޮށްދެނީއެވެ. ހޮސްޕިޓަލަށް ކާ އެއްޗެހި ނުގެންދެވިފަ ހުރި މީހަކަށް ފުލުހުން އެހީތެރިވަނީއެވެ. މާސްކް ފަދަ ތަކެތި ހިލޭ ބަހަނީއެވެ. ރޯދަ މަހަށް ބައެއް ފަރާތްތަކުން "ކެއަރ ޕެކޭޖް" ބަހަނީއެވެ.

Ads by Sosun Fihaara

މި ކާރިސީ ހިތާމައިގެ ވަގުތުގައި ބައެއް މީހުންގެ ހުރި އަމިއްލަ އެދުމާއި، ނުބައި ނުލަފާކަމާއި، އެމީހުންގެ ހުރި ބޮޑާކަމާއި ކިބުރުވެރިކަންވެސް އެބަ ހާމަވެއެވެ. ކުލި ނުދެއްކިގެން އާއިލާތަށް ނެރެ މަގުމަތިކޮށްލަނީއެވެ. ކުނި އުކާ ވަޒީފާއަށް ދާތީވެ ޒުވާނަކު ގެއިން ނެރެލި ވާހަކައެވެ. ޑެލިވަރީ ކުރަން އުޅޭ ބިދޭސީން ގައިން ނުބައިވަސް ދުވާކަމަށް ބުނެ ފުރައްސާރަ ކުރި ވާހަކައެވެ. ޑެލިވަރީތައް ނިންމާފައި ގެޔަށް ދިޔަ ބިދޭސީއެއްގެ މޫނު މަތީގައި ގޮށްމުށް ކަވާފަ ޖެހިވާކައެވެ. މިހެން ގޮސް ބައިވަރު ބައިވަރު ވާހަކަތަކެވެ.

މީސް މީޑިއާ ބަލާލިޔަސް ފެންނަނީ އެމީހުންނަށް އެހީވި މީހަކަށް މީހަކު ދީފައިވާ ރައްދެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. އޭނާއަށް ފެނުނު ތިން ބިދޭސީއެއް ބަނޑުހައިވެ ކާނެ އެއްޗެއް ނެތުމުން އޭނާ ޕެކެޓަކާއި ބިސްކޯދުކޮޅެއް ދިން ވާހަކަ ބުނުމުން، ދިނީ ކީއްކުރަންހޭ ބުނެ ސުވާލުކޮށް ދީގެން ނުވާނެކަމަށް ކޮމެންޓްކޮށްފައި ވެއެވެ.


ބިދޭސީންނަކީވެސް އިންސާނުންނެވެ. އަދި ކިއެއްތަ، އެމީހުންގެ އިންސާނިއްޔަތުކަން ވަރަށް ބޮޑެވެ. މީހަކަށް ދެރައެއް ލިބޭކަށް އެމީހުން ނޭދެއެވެ.

އަޅުގަނޑު މި ހިއްސާކޮށްލަނީ އަޅުގަނޑާއި ދިމާވި ކަމެއްގެ ވާހަކައެވެ.

ރޭގެ ވަގުތެއްގައި އަޅުގަނޑަށް ރަށުގެ މީހަކު ގުޅާފަ އެހީ "ބޭރަށް ނިކުމެ އުޅެން ހެއްޔޭ"؟ ވެގެން އުޅޭގޮތް ސާފުކޮށްލި އިރު އޭނަ ގުޅީ އަދި އޭނަގެ ކަމަކުވެސް ނޫނެވެ. ނަމަވެސް ވަރަށް މުހިންމު ކަމެއްގައެވެ. ރަށާއި ޖެހިގެން އޮތް ހިތަދޫގައި ދިރިއުޅޭ "ކިޑްނީ ބައްޔަށް ފަރުވާ ކުރާ މީހެއްގެ" ބޭސްތައް ހުސްވާތީވެ، އެ އާއިލާގެ ފަރާތުން އެހީތެރިކަމަކަށް އެދުނު ވާހަކައެވެ. އަދި އެސްޓީއޯ ފާމަސީން އެ ބޭސްތައް ނަގައިގެން ފަތިހު ފުރަން ހަމަ ޖެހިފައިއޮތް ބޯޓަކަށް އެ ބޭސްތައް ހަވާލުކޮށްލަ ދިނުމަށް އެދުނެވެ.

ވެހެމުން ދިޔަ ބޯ ވާރޭތެރޭގައ އާދައިގެ ކޯޓެއް އެރުވާލައިގެން އެސްޓީއޯ ފާމަސީއަށް ގޮސް ބޭސް ސިޓީގެ ފޮޓޯއެއް ދެއްކުމުން އެތާ ތިބި ކުދިން އެތަނުން ލިބެން ހުރި ބޭސްތައް ހަމަކޮށްދިނެވެ. ބޭސްކޮތަޅު ބޭރުގައި ނަން ޖަހާލުމަށްފަހު ސައިކަލުގައި މިސްރާބު ޖެހީ ނޯތު ހާބަރަށެވެ. ވެހެމުން ދިޔަ ވާރޭތެރޭގައި މާކަ ބާރަށް ދުއްވޭ ގޮތެއް ނުވެއެވެ. މަޑުމަޑުން ދިޔައިރު ގުގުރާލާ އަޑުގައި ދަނީ ސިއްސައިގެންނެވެ.

ނޯތު ހާބަރު ގޭޓަށް ދިޔައިރު ކަމަކު ދާކަށް ނެތެވެ. ގޭޓްގެ އެތެރެއަށް ހިނގާފައިވެސް އަދި ސައިކަލުގައިވެސް ނުވަދެވެއެވެ. ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅެކެވެ. ވާރޭ ވެހޭލެއް ބޯކަމުން ކުޑަކޮށް ދުރައްޖެހިލައިގެން ބޯޓަށް އެ އަރުވާނެ ގޮތަކާއި ދޭތެރޭ ވިސްނަން ފެށުމުން ހިތަށް އެރީ ފުލުހުންނަށް ގުޅައިގެން އެހީތެރިކަމަށް އެދުމަށެވެ. ބޭސްކޮތަޅެއް ކަމުން ފެން ޖެހި ބޭސްތައް ހަލާކުވެދާނެ ކަމުގެ ބިރަށް ކޮތަޅު އޮންނާނީ ސައިކަލުގެ މަޑިދަށަށް ލާފައެވެ.

ކުއްލިޔަކަށް ވެހިކަލެއްގެ ހިލަމެއް ވެގެން ބަލާލިއިރު ކުންފުންޏެއްގެ ވެހިކަލެއް އަޅުގަނޑާއި އަރާ ހަމަވަނީއެވެ. މަޑުކޮށްލަން އިޝާރާތެއް ކޮށްލުމުން ވެހިކަލް މަޑުކޮށްލިއެވެ. ވެހިކަލް ދުއްވަން އިނީ ބިދޭސީއެކެވެ. އަދި ފަހަތުގަ އެކަކު އިނެވެ.

ވަރަށް އާދޭހާއެކު މިކަމުގަ އެހީތެރިވުމަށް އަޅުގަނޑު އެދުނީމެވެ. އަދި އަޅުގަނޑުގެ ކުރު ތަޢާރަފެއް ދިނީމެވެ. އެހީތެރިވާން ބޭނުންވިޔަސް ޖެހިލުންވިކަން އަޅުގަނޑަށް އިހުސާސް ކުރެވުނެވެ. ވާނީވެސް އެހެންކަމަށް ޤަބޫލުކޮށް އަޅުގަނޑުގެ ފާސްވެސް ދައްކާލީމެވެ. އަދި ބޭސް ކޮތަޅު ނަގައިގެން ގޮސް ބޭސް ކޮތަޅާއި ބޭސް ސިޓީވެސް ދައްކާލީމެވެ. އެ ދެ މުވައްޒަފުންގެ އަމިއްލަ މަޝްވަރާއަކަށް ފަހު ވެހިކަލަށް އެރުމަށް އަޅުގަނޑު ގާތު އެދުނެވެ.

ވެހިކަލަށް އަރާފައި ތިޔައީ ކޮންތަނެއްގެ މުވައްޒަފުންނެއްހޭ އެހުމުން ބުނީ "ޔުނައިޓެޑް ފުޑް ސަޕްލަޔާރސް" ގެ މުވައްޒަފުން ކަމަށެވެ. އަދި "ގޯސް އެއްޗެސް ނުހުންނާނެ ދޯ؟" ބުނެ އަޅުގަނޑާއި ސުވާލުކުރިއެެވެ. ނުހުންނާނެ ކަމުގެ ޔަގީންކަން ދިނުމުން ގޭޓް ހުރަސްކޮށް ބޯޓް އޮތް ހިސާބަށް ގޮސް ބޭސް ކޮތަޅު ހަވާލުކޮށްލުމަށްފަހު އެނބުރި ސައިކަލާއި ހަމަޔަށް އަޅުގަނޑު ގެންގޮސް ދިނެވެ.

އެމީހުން ތިބީ ވަރަށް އުފަލުންނެވެ. އަޅުގަނޑަށް އެހީވެވުމުން އެކަންޏެއް ނޫނެވެ. ނޯތް ހާބަރުގެ ކޮޅުން އެމީހުންގެ ރަށުގެ މަނަވަރު ފެންނަން އޮތެވެ. އެއީ އެއީ ބަންގަލަދޭޝްގެ މަނަވަރެއްކަމަށާއި އެއީ ބޭސް ހިފައިގެން އައި މަނަވަރެއްކަމަށް އެމީހުން ބުނީ ފަޚުރުވެރިކަމާއެކުގައެވެ. އެހިސާބުން އެއީ ބަންގްލަދޭޝްގެ ދެ ރައްޔިތުންނަށްކަން އަޅުގަނޑަށް ޔަޤީންވިއެެވެ. ވަހިކަލުން ފައިބައިފަ އަޅުގަނޑު އެ ދެމީހުންގެ ފޮޓޯއެއް ނެގުމުން ވަރަށް ސުވާލުކުރިއެވެ. ފޮޓޯއެއް ނެގީ ހަމަ މިކަމުގައެވެ. އެމީހުންނަށް ޝުކުރު އަދާކޮށްލުމަށެވެ.

"ޔުނައިޓެޑް ފުޑް ސަޕްލަޔަރސް"ގެ މި ދެ މުވައްޒަފުންނަށް ހިތުގެ އިހްލާސްތެރި ޝުކުރު އަރިސްކުރަމެވެ. އަޅުގަނޑާއި ޓީމުގެ ނަމުގައެވެ. ކިޑްނީ ބައްޔަށް ބޭސް ކުރަމުންދާ ބަލިމީހާގެ ނަމުގައެވެ. ޖުމްލަކޮށް ދިވެހި ރައްޔިތުންގެ ނަމުގައެވެ. ތިޔައީ ޖަވާހިރުން ފަދަ ޚިދުމަތްތެރިންނެވެ. جزاك اللهُ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!