އައްޑޫގައި ކޮވިޑް ފެތުރިއްޖެނަމަ ތޮއްޖެހިގެން އުޅޭ ބިދޭސީންނަށް ނުރައްކާ ބޮޑު: ސޯބެ
އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރިއްޖެނަމަ ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީންނަށް ނުރައްކާ ބޮޑު ކަމަށް އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު(ސޯބެ) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސޯބެ ވިދާޅުވީ ބިދޭސީންނަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަމުން ރައްކާތެރިކުރުމަށް ކައުންސިލުން އިސްނަގައިގެން މަސައްކަތްތަކެއް ދުރާލާ ފަށާފައިވާ ކަމަށެވެ.
"އައްޑޫގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ރައްޖެއިން ކޮވިޑް ފެނުމުގެ ކުރިން އަޅުގަނޑުމެން ވަނީ ފަށަފައެވެ. ނަމަވެސް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ފަރާތުން މިކަމަށް އެކަށީގެންވާ އެއްބާރުލުމެއް ލިބިފައިނުވޭ. އެހެންކަމުން އައްޑޫގައި އުޅޭ ބިދޭސީންގެ އަދަދު ނޭނގުމަކީ ބޮޑު ގޮންޖެހުމެއް. އަދި ކަންބޮޑުވާން ޖެހޭ ކަމެއް." ސޯބެ ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ، ވަކި ނަސްލަކަށް ވީތީ ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށާއި އެންމެނަށް ވެސް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަމަށެވެ.
އައްޑޫ ސިޓީގައި ގިނަ އަދަދަކަށް ބިދޭސީން ދިރިއުޅެމުންދާއިރު، ސޯބެ ވިދާޅުވީ ބޮޑެތި ކޮންސްޓްރަކްޝަން ކުންފުނިތަކުގައި މަސައްކަތްކުރާ ގިނަ ފަރާތްތަކަކީ ގަވާއިދާއި އެއްގޮތަށް އުޅޭ ފަރާތްތަކެއްކަމަށާއި ގިނަ ތަންތަން ޑޮކިއުމެންޓް ކުރަމުން އަންނަކަމަށެވެ. އަދި ބިދޭސީންނަކީ ވަރަށް ގައިގޯޅިކޮށް އެއްތަނެއްގައި ގިނަ އަދަދެއްގެ މީހުންކަން ފާހަގަކުރައްވައި މި ހާލަތުގައިވެސް އެފަދަ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސޯދިގު ވަނީ ވިދާޅުވެފައެވެ.