ޚަބަރު

14 ޢާއިލާއަކަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފި

ކާބޯތަކެތީގެ އެހީތެރިކަން ބޭނުންވެފައިވާ 14 ޢާއިލާއަކަށް އެހީ ފޯރުކޮށްދީފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ކާބޯތަކެތީގެ އެހީތެރިކަން ބޭނުންވެފައިވާ 14 ޢާއިލާއަކަށް، ކާބޯތަކެތީގެ އެހީ ވަނީ ފެމިލީ ލީގަލް ކްލިނިކްއާ ގުޅިގެން ފާއިތުވެ ދިޔަ ދެ ދުވަހު ފޯރުކޮށްދެވިފައި ކަމަށެވެ.

އަދި ވިމެންސް އާޓްސް އެންޑް ކްރާފްޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން އިތުރު ދެ ޢާއިލާއަކަށް ދަނީ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން ޖެންޑާ މިނިސްޓްރީން އަންނަނީ މި ހާލަތާއި ގުޅިގެން މަގުމަތިވެފައިވާ މީހުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މިހާތަނަށް 90 އަށް ވުރެ ގިނަ މީހުންނަށް އެ މިނިސްޓްރީން ވަނީ އެހީވެފައެވެ.

އަދި މަގުމަތިވެފައިވާ އެންމެންނަށް އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުމުގެ މަސައްކަތްތަކެއް ޖެންޑާ މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލުން ވެސް އަންނަނީ ކުރަމުންނެވެ.

ޖެންޑާ މިނިސްޓްރީން ދާދިފަހުން ވަނީ ކުލި ނުދެއްކުމާ ގުޅިގެން ގެއިން ނެރެލި ބަޔަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!