ވަކި ވަކިން ނުކީ ކަމަކު، އެންމެނަށްވެސް ރަމަޟާން މުބާރަކް
ކޮންމެ އަހަރު އަހަރެމެންނާއި ބައްދަލުކުރާ ރަމަޟާން މަހަކީ އަހަރެމެން މުސްލިމުންނަށް ވަރަށް ހާއްސަ މައްސަރެކެވެ. ރޯދަ މަހަށްޓަކައި އަހަރެެމެން ދުރާލާ އެމަހަށް ތައްޔާރުވާއިރު ރޯދަޔަށް ހަނދު ބެލުމާއެކު ހެން އެންމެ ފުރަތަމަ ކުރެވޭ ކަަމަކީ އާއިލާ އާއި ރަހުމަތްތެރިންނަށް އެ މަހުގެ ތަހުނިޔާ ކިޔުމެވެ.
" ނަފްސު ހޭލައްވާލަދޭށޭ އަންނަނީ ރަމަޟާން ކަރީމް" ގެ މެސެޖުންނާއި ތަފާތު އެކި ފަށުވި އިބާރާތަތްކުން ދަންނަ ހުރިހާ މީހުނަށް ރޯދައިގެ ތަހުނިޔާ ކިޔާ މީހުން މަދެއް ނޫނެވެ. ހަމައެހެންމެ ރޯދައިގެ ހެޔޮކަން އެންމެ ފުރިހަމައަށް ލިބިގަތުމަށް އެދި ފޭސްބުކުގައި ދުއާ ކޮށްލުމަކީ ވެސް ގިނަ ބައެއްގެ އާދައެވެ.
މިހިނގާ 1441ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި އޭޕްރީލް މަހުގެ 24ވާ ހުކުރު ދުވަސް ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް އިން މިހާރުވަނީ އިއުލާނު ކޮށްފައެވެ. އެއާއެކު ތަހުނިޔާ ގެ މެސެޖުތައް ކިޔުން މި ވަނީ ފެށިގެން ގޮސްފައެވެ.
ތަހުނިޔާ ފޮނުވުމުގެ އިތުރުން ވެސް ރޯދައިގެ މާތް ކަން އެންމެ ހެޔޮ ގޮތުގައި ލިބިގަތުމަށް އަހަރެމެން ކޮންމެ މީހަކު ވެސް މަސައްކަތް ކުރަން ޖެހެއެވެ. ޚުލްޤު ނުބައިވުމާއި ޖާހިލުކަމުން ދުރުހެލިކޮށް ރިވެތި އަޚްލާޤާއި މާތްކަން މަތީ ތިމާ އަބަދުވެސް ހުރުމަށް ބާރުއަޅައިދޭ ކަމެއް ކަމުގައި ރޯދަ ލައްވާފައިވާއިރު މި ބަރަކާތް ހާސިލު ވެވޭނެ ގޮތަކަށް ރޯދައިގެ އަޅުކަން އަދާ ކުރުމަށް ހަމަ ކޮންމެ މުސްލިމަކުވެސް އަޒުމް ކަނޑައަޅަން ޖެހެއެވެ. އަދި އެ އަޒުމާ އެއްގޮތަށް މަސައްކަތް ކޮށް ނަފްސު ތަޒުކިޔާ ކުރަން ޖެހެއެވެ. ތަޤުވާވެރިކަން އިތުރު ކުރުމަށްޓަކައެވެ.
އެހެންކަމުން، ވަކި ވަކިން ކޮންމެ މީހަކަށް ރޯދަ މަހުގެ ތަހުނިޔާ ނުކިޔުނު ކަމުގައި ވީ ނަމަވެސް ދުއާ އަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ޘަވާބާއި ދަރުމަ މުސްލިމް އަޚުންނާއި އުޚުތުންނަށް މިންވަރުކުރު ކުރެއްވުމެވެ. އަދި މި ދަތި އުނދަގޫ ދަނޑިވަޅުގައި ކެތްތެރިވެ ، އިސްތިޣުފާރުކޮށް ﷲ އަށް ދުޢާ ދެންނެވުން މަތީގައި ތިއްބެވުމަށް ވަސިއްޔަތް ކުރަމެވެ.