ބަރުދަނުގައި 600 ޕައުންޑް ހުރި މީހެއްގެ ވާހަކަ
އުމުރުން 41 އަހަރުގެ ޑޯމިނިކް ލަނޮއިސް ނަމަކަށް ކިޔާ މި މީހާ ގައިގައި 600 ޕައުންޑް ހުރެއެވެ. 2012 ވަނަ އަހަރުގެ މާޗް 10 ވީ ދުވަހު އޭނާ ވަނީ މަރުވެފައެވެ.އޭގެ ކުރިން ބޭރުގެ ޗެނަލްއަކުން އޭނާއާ ކުރި އިންޓަވިއުއެއްގައި ވަނީ އޭނާގެ ދިރިއުޅުމާއި ބޭހޭ ވާހަކަ ތައް ހިއްސާ ކޮށްފައެވެ.
އެގޮތުން އޭނާ ބުނެފައި ވަނީ ހަޔާތުގެ އެންމެ ފަހު ދެ އަހަރު ހޭދަކުރީ ކޮޓަރީގައި ކަމަށެވެ. އަމިއްލަޔަށް އެއްވެސް ކަމެއް އޭނާއަކަށް ނުކުރެވެއެވެ. ކޮޅަށް ތެދުވާން ޖެހެނީ ވެސް މީހެއްގެ އެހީގައެވެ. އޭނާގެ ކަންތައްތައް ބަލަނީ އޭނާގެ ހަ ދަރިންނެވެ. ކޮންމެ ދުވަހަކު އުޅެން ޖެހެނީ ކޮންމެ ވެސް ކަމެއް ދިމާ ވެގެންނެވެ. ނޭވާލާން އުންދަގޫވެ ނޫނީ ބޮލުގައި ރިއްސާތީއެވެ.
އޭނާގެ ވާހަކަ އެންމެ ފުރަތަމަ މީހުންނާ ހިސާބަށް އައިސްފައި ވަނީ 2010 ވަނަ އަހަރުގައެވެ. އެ އަހަރު އޭނާގެ ގައުމަށް އައި ބިންހެލުމަކާއި އެކު ދިރިއުޅެމުން އައި ގެ އެއްކޮށް ހަލާކުވެ ބޮޑެތި އަނިޔާތައް ލިބުނެވެ. އޭނާގެ ބަރުދަން މިހާވަރަށް ހުރުމުން އެއްވެސް ގައުމަކަށް ދަތުރު ކުރުމުގެ ހުއްދައެއް ނުލިބުނެވެ. އެއްވެސް އެއާލައިން އަކުން ފްލައިޓަށް އެރުމުގެ ހުއްދައެއް ނުދިނެވެ. މިހެން ދުވަސްތައް ވޭތުވަމުން ގޮސް ސަރުކާރުން އޭނާ މިއާމީ އަށް ގެންގޮސްދީފައި ވެއެވެ. އޭގެފަހުން އޭނާ ދިރިއުޅެމުން ދިޔައީ މިއާމީ ގައެވެ.
" އަހަރެންގެ ހަށިގަނޑަކީ ޖަލެއް. އެއީ އަހަރެންނަށް އެއްވެސް ތަނަކަށް އަމިއްލަޔަށް ނުދެވޭ، އެނދުގައި އަބަދު އޮންނަނީ. އަބަދު އޮށޯވެގެން. އެނދުގައި ފެންވަރަނީ ވެސް، ކަނީވެސް. ވަރަށް ދެރަވޭ" ރޮމުން އޭނާ ކިޔައިދީފައި ވެއެވެ.
އެ އަވަށުގައި ދިރިއުޅޭ ގިނަ މީހުންނަކަށް އޭނާ އުޅެނީ މި ހާލުގައި ކަމެއް ނޭނގެއެވެ. ސަބަބަކީ ފާއިތުވެދިޔަ 2 އަހަރު ބޭރަށް ނުނިކުމެ އަބަދު ގޭގައި އޮންނަން ޖެހުމެވެ.
" އަހަރެން މިހާ ފަލަ ވީމަ ބޭރަކަށް ނުދެވޭ. އަހަރެން ބޭނުން ނުވަނީ ރައްޓެހިންނަށް އަހަރެންގެ ސިފަ ފެންނަން" ޑޮމިނިކް ކިޔައިދީފައި ވެއެވެ.
މިކަން މިހެން ހުރުމާއެކު އޭނާގެ ދަރިން ވެސް މިކަންތައް ސިއްރުކުރިއެވެ.
" ބައިވަރު މީހުން އަހާ އަހަރެންގެ މަންމަ ދުވަހަކުވެސް ނުފެނެޔޭ. ކޮބާހޭ މަންމަ. އަހަރެން ބުނަން އެއީ ތިމީހުންނާ ބެހޭ ކަމެއް ނޫނޭ" ޑޮމިނިކް ކައިރީގައި ދިރިއުޅޭ އޭނާގެ ދަރިޔަކު ކިޔައި ދީފައި ވެއެވެ.
ޑޮމިނިކް ދުވަހުގެ ގިނަ ވަގުތު ހޭދަކުރަނީ ނިދުމުގަޔާއި، ދުރުގައި ދިރިއުޅޭ އޭނާގެ ދަރިންނާ ފޯނުން ވާހަކަ ދެއްކުމުގައެވެ. އެ ގޭގައި ޓީވީ އެއް ނުހުރެއެވެ.
އޭނާގެ ހުރިހާ ކަމެއް 6 ދަރިން ކޮށްދޭއިރު އެކި ކުދިންނަށް އެކި ކަންތައްތައް ހުންނަނީ ބަހާލާފައެވެ. އެކަކު ކެއްކުމުގައި އުޅޭނަމަ އަނެއް ދަރީ ގޭތެރެ ސާފުކުރާނެއެވެ. ޑޮމިނިކް ގެ ގިނަކަންތައްތައް ބަލަމުން ގެންދިޔައީ އުމުރުން އެންމެ 14 އަހަރުގެ ދަރިފުޅެވެ.
"އަހަރެން ކައިވެނި ކުރި އިރު ވަރަށް ހިކި ވާނެ. ފަހުން ފަލަ ވާން ފެށީ އަބަދު ކެވޭތީ. ލުއި ކާނާ އަބަދު ކެވެނީ. ދުވާލެއްގެ މަތިން 4000 ކެލެރީސް ހުންނަ ކާއެއްޗެހި އަހަރެންނަށް ކެވޭ. މިހެންގޮސް ފަލަ ވާން ފެށީ. މިހެންވެ ފިރިމީހާ އަހަރެން ވަރި ކުރީ ވެސް. އޭރު އަހަރެންގެ ގައިގައި 600،700 ޕައުންޑް ހުންނާނެ." އޭނާ ކިޔައި ދީފައިވެއެވެ.
ޑޮމިނިކް ގެ ދަރިން ބުނި ގޮތުން އެމީހުން އަބަދުވެސް ސިއްހަތަށް ފައިދާހުރި ކާނާ ކާން މަންމަ ކައިރީގައި ބުނެއެވެ. އެހެން ނަމަވެސް މަންމަ ބުނީމަ ބުނާ ކޮންމެ އެއްޗެއް ކާން ދެއެވެ.
ޑޮމިނިކް ބުނި ގޮތުގައި އެންމެ ދެކެން ބޭނުންވާ ދުވަހަކީ އޭނާ ހިކޭނެ ދުވަހެކެވެ. އެހެން ނަމަވެސް އޭނާގެ ދަރިން ބުނާ ގޮތުގައި އެއްވެސް ވަރަކަށް ހިކެން އޭނާ މަސައްކަތެއް ނުކުރެއެވެ.
އެހެން ނަމަވެސް ޑޮކްޓަރެއްގެ ލަފާގެ މަތިން އޭނާ ޑައެޓް ކުރަން ފެށިއެވެ. 4 މަސް ވީއިރު 100 ޕައުންޑް ލުއި ވިއެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ސާޖަރީއެއް ކުރަން ތައްޔާރުވެ، އަނެއްކާވެސް ބަރުދަން ބަލާލަން ޖެހުނެވެ. މި ފަހަރު 150 ޕައުންޑް އިތުރުވިއެވެ. މިހެން ދިމާވާން ޖެހުނީ އޭނާ ޑޮކްޓަރުގެ ލަފާޔާ ދެކޮޅަށް ހިކި ގިނައިން ކައި، ހަށިގަނޑަށް ނުބެލުމުގެ ސަބަބުންނެވެ.
އޭގެ ދުވަސްކޮޅެއް ފަހުން އޭނާ ދުނިޔެއާއި އަލްވަދާއު ކީ ކުއްލިޔަކަށް ބަލިވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.