ޚަބަރު

މިސްކިތްތަކުގައި ނަމާދުނުކުރެވޭ ޙާލަތުގައި، ރަމަޟާންމަހަށް މަރުޙަބާ ކިޔުމަކީ ވޭންދެނިވި ކަމެއް: ސައުދީ ރަސްގެފާނު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ރޯގާއާއި ގުޅިގެން މިސްކިތްތަކުގައި ނަމާދުނުކުރެވޭ ޙާލަތުގައި އޮވެ، ރަމަޟާންމަހާއި ކުރިމަތިލުމަކީ ވަރަށް ވޭންދެނިވިކަމެއް ކަމުގައި ސައުދީޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިސްލާމީ އުއްމަތަށާއި ސައުދީޢަރަބިއްޔާގެ ރައްޔިތުންނަށް ރަމަޟާންމަހުގެ ތަހުނިޔާ ވިދާޅުވުމަށް ދެންނެވި ބަޔާނުގައި ރަސްގެފާނު ވަނީ މިސްކިތްތަކުގައި ނަމާދުނުކުރެވޭކަމީ ވަރަށް ވޭންދެނިވި ކަމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

މި ބަޔާނުގައި ކޮވިޑް19 އާއި ގުޅިގެން ދިމާވެފައިވާ ދަތި އުނދަގޫ ވަގުތުގައި މުސްލިމް އުއްމަތް އެކުވެ މިކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަށް ގޮވާލާފައިވެއެވެ. އަދި މިކަމުގެ މުހިންމު ކަމުގެ މުހިންމު ކަމުގެ މައްޗަށް ވެސް އަލި އަޅުވާލާފައިވެއެވެ.

ވައިރަސްގެ ބަލިމަޑުކަމުގައި ތިބެ، ރަމަޟާންމަހުގައި އެންމެ އެދެވިގެންވާގޮތައް އަޅުކަމުގެ ކަންކަން ކުރިޔަށްނުގެންދެވޭތީ އެކަމާއި ހިތާމަފުޅުކުރައްވާކަމަށް ވެސް ސައުދީ ރަސްގެފާނުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި ޚާއްޞަކޮށް، މިސްކިތުގައި ޖަމާޢަތުގައި ނަމާދުނުކުރެވުމާއި، އިއުތިކާފުނުކުރެވުމާއި، ބައެއް މިސްކިތްތަކުގައި ތަރާވީޙު ނުކުރެވޭ ޙާލަތުގައި ރަމަޟާންމަހާއި ކުރިމަތި ލާން ޖެހުމަކީ ވަރަށް ހިތާމަވެރި އަދި އެކަމަކާ މެދު އަހަރެމެން ވިސްނަން ޖެހޭ ކަމެއް ކަމުގައި ވެސް ފާހަގަކޮށްފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޢުމުރާގެ އަޅުކަން ކުރުމަށް އެހެން ޤައުމުތަކުގެ މީހުން ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. އަދި މިސްކިތްތައް ވެސް ވަނީ ބަންދުކޮށްފައެވެ. އޭގެ ތެރޭގައި މަސްޖިދުލް ހަރަމް ހިމެނޭއިރު މި ރޯދަ މަހު އެ މިސްކިތުގައި ތަރާވީސް ކުރާނީ އެތާގައި މަސައްކަތް ކުރާ މުވައްޒަފުން އެކަނި ކަމުގައި ރިޕޯޓުތައް ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!