ޕީއެސްއައިޕީގެ ނުފަށާ ހުރި މަޝްރޫއުތައް މި އަހަރަށް މަޑުޖައްސާލަން ނިންމައިިފި
ކޮވިޑް-19އާ ގުޅިގެން މިއަހަރަށް ފާސްކުރި ބަޖެޓުގައި އަންދާސާކޮށްފައިވާ އަދަދަށް ފައިސާ ލިބުމުން ނުދާތީ ކުރިއަށް ރާވާފައިވާ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް މަޑުޖައްސާލުމަށް ސަރުކާރުން ނިންމައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި އެގޮތުން ދަތުރުފަތުރަށް ކުރާ ހަރަދު 33 ޕަސެންޓަށް ކުޑަކުރުމާއި، އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ގަތުން ހުއްޓާލުމާއި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ގޮސްފައިވާތީ ސަރުކާރަށް ތެލުން އަގުހެޔޮވާ މިންވަރު ޕާސްތްރޫކޮށް ތެލުގެ ސަބްސިޑީ ދިނުމަށް ކުރާ ހަރަދު 40 ޕަސެންޓަށް ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ތަމްރީނުތައް ދިނުމަށް ކުރާ ހަރަދު 33 ޕަސެންޓަށް ކުޑަކުރުމާއި، މަރާމާތަށް ކުރާ ހަރަދު 59 ޕަސެންޓަށް ކުޑަކުރުމާއި، ހަރުމުދާ ހޯދަން ކުރާ ހަރަދު 70 ޕަސެންޓަށް ކުޑަކުރުމާއި، މިއަހަރަށް ބަޖެޓް ކޮށްފައިވާ ޕީއެސްއައިޕީ ތެރެއިން ނުފަށާ ހުރި މަޝްރޫއުތައް ޓެންޑަރ ނުކޮށް މަޑުޖައްސާލަން ނިންމާފައިވާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
މީގެއިތުރުން ސަޕްލައި ޗޭނަށް ކުރިމަތިވާ ދަތިތަކާއި ގުޅިގެން މިހާރު ކުރިއަށްދާ މަޝްރޫއުތައް ވެސް މަޑުޖެހޭނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.