ރިޕޯޓް

ޤުރްއާން ގައި އަތްލުމުން އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވި: އިސްލާމްދީން ޤަބޫލުކުރި ރާއްޖޭގައި އުޅޭ ނޭޕާލް އަންހެނެއް!

ދެން އެމްވީ ، ދެން އޮންލައިން

އިސްލާމްދީނަކީ އެންމެ މަތިވެރި ދީނެވެ. މިދީނުގެ ސުލްޙަވެރިކަމާއި، މާތްކަން ކޮންމެ ފުރިހަމަ މުސްލިމަކަށް ވެސް އެނގޭނެއެވެ. އަދި އަލަށް އިސްލާމްދީން ޤަބޫލުކުރާ މީހުންނަށް ވެސް މިކަން އަންނަނީ އެނގެމުން އިހްސާސް ވަމުންނެވެ. މިއީ އެފަދަ އަންހެނެއްގެ ވާހަކައެވެ.

Ads by MWSC

ރާއްޖޭގައި ދިރިއުޅޭ، ނޭޕާލަށް އުފަން މިއަންހެންމީހާ އަކީ ކުރިން ހިންދޫ އެކެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު އޭނާ ވަނީ ހެޔޮ ހިތުން އިސްލާމްދީން ޤަބޫލުކޮށް ހިދާޔަތުގެ މަގު އިޚްތިޔާރުކޮށްފައެވެ. އޭނާގެ މިހާރުގެ ނަމަކީ އައިޝަތު ރިޒްޤިން އެވެ.

"އިސްލާމްދީން ޤަބޫލުކޮށް މުސްލިމަކަށްވުމަކީ އެހާ ފަސޭހައިން އަހަންނަށް ކުރެވުނު ކަމެކޭ ނުބުނެވޭނެއެވެ. ހަގީގަތަށް ބުނަންޏާ އެކަންވީ ވަރަށް އުނދަގުލުންނެވެ. ނަމަވެސް ތެދުމަގު ލިބިގަތުމަށް އުޅޭ މީހަކަށް، އެމަގު ލިބުމުގައި އެއްވެސް ހުރަހެއް ނުވެއެވެ.

މީގެކުރިން އަހަންނަށް އިސްލާމްދީނާއި ބެހޭގޮތުން އެއްވެސް އެއްޗެއް އުނގަންނައިދީފައެއް ނުވެއެވެ. އަހަންނަށް ހަަމައެކަނި އެނގިފައިވީ މިދީނަކީ ރޫހާނީ ދީނެއް ކަމަށެވެ. އެހެންކަމުން އިސްލާމްދީނާއި ބެހޭގޮތުން އަހަރެން މައުލޫމާތު އެއްކުރަން ފެށީމެވެ.

އަހަންނަށް ތެދުމަގު ލިބެން ފެށުމުން ވަރަށް ހިތްހަމަޖެހި އުފާވިއެވެ. ފުރަތަމަ ފަހަރަށް އަހަރެންގެ އަމިއްލަ ނަފްސު އަހަރެންގެ ކޮންޓްރޯލްގެ ދަށަށް އައެވެ.

ރާބުއިމާއި ސިނގިރޭޓު ބުއިމުން އަހަރެން ދުރުވިއެވެ. އެއީ އަހަންނަށް ކުރެވިދާނެ ކަމެއް ކަމަކަށް ދުވަހަކުވެސް ހިއެެއް ނުކުރަމެވެ.

އިސްލާމްދީނާއި ބެހޭގޮތުން ކުށެއް ހޯދޭތޯ އަހަރެން ބެލީމެވެ. ނަމަވެސް އުފެދޭ ކޮންމެ ސުވާލަކަށް ޖަވާބެއް ލިބުނެވެ. މިހެންގޮސް އެހުރިހާ ޖަވާބަކާއި ހަގީގަތެެއް ދޮގު ނުކުރެވޭނެ ވަރަށް އަހަންނަށް މައުލޫމާތު ލިބި، އެމައުލޫމާތުތައް ޤަބޫލު ކުރެވެން ފެށިއެވެ.

ހަމައެއާއެކު އަހަރެންގެ ހިތުގައި ބިރުވެރިކަން ވެސް އުފެދުނެވެ. ހިންދޫއެއްގެ ގޮތުގައި ހުރެ މުސްލިމަކަށް ވެއްޖެނަމަ މީހުން ހީކުރާނީ ކީކޭބާއޭ ހިތައް އެރިއެވެ. ނަމަވެސް ފަހުން އަހަންނަށް ވިސްނުނީ މިކަމުގައި އަހަރެން އެހެންމީހުން ވިސްނާފާނެ ގޮތަކާއި މެދު ފިކުރުކުރަން ނުޖެހޭނެ ކަމެވެ. އިސްލާމްދީން ޤަބޫލުކުރުމުން އޭގެ ފައިދާ ވާނީ އަހަންނަށެވެ.

މުސްލިމަކަށް ވާން އެންމެ ފުރަތަމަ އަހަރެންގެ ހިތަކަށް ނާރައެވެ. ނަމަވެސް 201ި8 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އަހަރެން ޤުރްއާން ކިޔަވަން ފެށީމެވެ. ވަޒީފާއަށް ދާއިރުވެސް ދަނީ ޤުރްއާން އަޑުއަހަމުންނެވެ. އެކަންވީ އަހަރެންގެ ހިތަށް ފިނިކަން ގެނެސްދިން ކަމަކަށެވެ. އިސާހިތަކު އަހަރެންގެ ދިރިއުޅުމުގައި އިސްލާމްދީނަކީ ވަރަށް މުހިންމު ބަޔަކަށް ވިއެވެ.

އަހަންނަކީ އަބަދުވެސް ދީންތައް އުނގެނުމުގެ ޝައުޤުވެރިކަން ހުރި މީހެކެވެ. މުސްލިމަކަށްވުމުގެ ނިޔަތެއް އެއިރުވެސް ނެތެވެ.

ރާއްޖެ ބަދަލުވުމުން އަހަންނަށް އެންމެ ކަމުދިޔައީ ރާއްޖޭގެ ޘަގާފަތެވެ. އެކިކަހަލަ މީހުން މިތަނުގައި އުޅުން ކަމުގައިވިޔަސް، ރާއްޖޭގަައި މުސްލިމުން ގިނަކަމުން އަހަރެން ވަރަށް އުފާވެއެވެ. އަހަރެންގެ ހިތުގައި އިސްލާމްދީނާއިމެދު އިތުރަށް ލޯބިއުފެދުނެވެ. އަހަންނަށް އިޙުސާސްވެ ޤަބޫލު ކުރެވުނީ މިއީ އަހަންނަށް މާތް ﷲ ނިންމެވި ގޮތް ކަމުގައެވެ. އިސްލާމްދީން އިތުރަށް އުނގެނުމަށްފަހު އަހަރެން ނިންމީ މުސްލިމަކަށްވާށެވެ. އަދި ޝަހާދަތުގެ ދެކަލިމަ ދުލުންކިޔައި ހިތުން ޤަބޫލު ކުރީމެވެ. އެއީ މިއަހަރުގެ ފެބްރުއަރީ މަހުގެ 6 ގައެވެ.

އަހަރެންގެ މައިންބަފައިން ވަނީ މިދުނިޔެ ދޫކޮށް ގޮސްފައެވެ. އެމީހުންނަކީ އަހަންނަށް ލިބުނު ދެ ޖަވާހިރު ކަމުގައި ދުށީމެވެ. އެމީހުން ގެއްލުނު ކަމުގައި ވިޔަސް މާތް ﷲ އަހަރެންގެ ހިތަށް އިސްލާމްދީން ވައްދާ ހެޔޮ ތަޢުފީޤުދެއްވިއެވެ.

މިއީ މުސްލިމަކަށްވުމަށްފަހު އަހަރެންގެ ފުރަތަމަ ރަމަޟާން މަހެވެ. އަހަރެން ހާސް ވެސް ވެއެވެ.

ފެތުރެމުންމިދާ ކޮރޯނާ ވައިރަސް އަހަންނަށް ފައިދާހުރި އެއްޗެއް ކަމުގައިވެސް ވެއެވެ. އެއީ މިހާރު އަހަންނަށް ފަސް ވަގުތު ނަމާދު ކުރެވެއެވެ. އަދި އިތުރަށް ކިޔެވެއެވެ.

މާތް ﷲ އީ އެއްކައުވަންތަ ރަސްކަލާނގެ ކަމަށާއި އަހަރެމެންގެ ރަސޫލާ މުޙައްމަދު (ޞޢޥ) އަކީ އެކަލާނގެ ރަސޫލާއަދި ނަބިއްޔާކަމުގައި އަހަރެން ޤަބޫލު ކުރަމެވެ. އަދި މިހެން ކިތަންމެ ފަހަރަކު ބުނަންޖެހުން ކަމުގައިވިޔަސް ވަރުބަލިކަމެއް ޖެހިލުމެއް ނެތި އަހަރެން ބުނާނަމެވެ.

ކީރިތި ޤުރްއާންގައި އަތްލުމުން އަހަރެންގެ ދިރިއުޅުން މުޅިން ބަދަލުވެއްޖެއެވެ. الحمد لله "

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!