މިނިސްޓަރު އިމްރާނާއި ސީޕީ މުނާޒް އިސްތިއުފާ ދެއްވުމަށް ޕީޕީއެމް އިން ގޮވާލައިފި
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އިސްތިއުފާ ދެއްވުމަށް އިދިކޮޅު ޕީޕީއެމް އިން ގޮވާލައިފިއެވެ.
ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ސީޕީ މުނާޒު ފުލުހުންނާއެކު އިއްޔެ މާފުށީ ޖަލަށް ވަޑައިގެން ގައިދީންނަށް އަނިޔާކޮށް، ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށާއި އެއީ ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކާއި ހިލާފު ކަމެއް ކަމަށެވެ. އެކަމަކު ކަރެކްޝަނަލް ސާވިސް އިން އެކަން ދޮގުކުރެއެވެ.
އެ ނޫސް ބަޔާނުގައި ވަނީ މިދިޔަ އަހަރު ޖަލުގައި ހިނގި ހަމަނުޖެހުންތަކަށްފަހު، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރައްވާނެ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިނަމަވެސް އަދިވެސް އެކަން ކުރާތަން ނުފެންނަ ކަމަށެވެ.
ކަންކަން އިސްލާހު ނުވެ މިފަދަ ކަންކަން އިތުރަށް ތަކުރާރު ވެގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިކަމުން މި ސަރުކާރުގެ ކިބައިގައި ކަންކަން އިސްލާހު ކުރުމުގެ ގާބިލުކަން ނެތްކަމާއި ޖަލުތަކުގެ ހިންގުން ހަރުދަނާ ކުރުމުގައްޔާއި ގައިދީންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ފެއިލްވެފައިވާކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް އެ ބަޔާނުގައިވެއެވެ. އެހެންކަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.
ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމާއި ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމާއި އެފަރާތްތަކަށް ވެސް ރައްކާތެރި މާހައުލެއް ގާއިމު ކުރުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ލާޒިމު ކުރާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.