ކޮވިޑް-19: އިތުރު ދެ މީހަކު ބަލިން ރަނގަޅުވުމުން ދޫކޮށްލައިފި
ރާއްޖޭގައި ކޮވިޑް-19އަށް ފައްސިވެގެން ފަރުވާދެމުންދިޔަ ދެ މީހެއް ބަލިން ރަނގަޅުވެ ދޫކޮށްލައިފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން ދެ މީހަކު ފަރުވާ ދިނުމަށްފަހު ބަލިން ފަސޭހަވެގެން ދޫކޮށްލާފައިވާ ކަމަށެވެ. ފަރުވާއަށް ފަހު ދޫކޮށްލާފައިވަނީ ކޭސް 17 އަދި ކޭސް 19އެވެ.
މަބްރޫކު ވިދާޅުވީ ކޭސް 18 ވެސް ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން ބަލި ރަނގަޅުވީތޯ ބެލުމަށް ހެދި ދެ ޓެސްޓު ނެގެޓިވްވެފައިވާ ކަމަށެވެ. ނަމަވެސް ކޭސް 18 ދޫކޮށްލާނީ އިތުރު 12 ދުވަހަށް ބެލުމަށް ފަހު ކަމަށެވެ.
ބަލިން ރަނގަޅުވެ ދޫކޮށްލި ދެމީހުންނަކީ އިނގިރޭސިވިލާތުން ރާއްޖެއައިސް ކަރަންޓީނުގައި ތިބި ދެމީހުންނެވެ. މި ދެމީހުން ބައްޔަށް ފައްސިވެފައިވަނީ ކަަރަންޓީނުގެ މުއްދަތުގައި ބަލީގެ އަލާމާތް ހުރެގެން ހެދި ޓެސްޓުންނެވެ.
މި ދެމީހުން ދޫކޮށްލުމާއި އެކު ރާއްޖެއިން މިބަލި ޖެހި ރަނގަޅުވި މީހުންގެ އަދަދު ވަނީ 18 އަށް އަރާފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 128 އަށް އަރާފައެވެ. އޭގެ ތެރޭގައި ތެރޭގައި ހިމެނެނީ 60 ދިވެހިންނާއި 68 ބިދޭސީންނެވެ.