ޚަބަރު

މޯލްޑިވިއަންގެ ކާގޯ ފްލައިޓުތަކެއް އަތޮޅުތެރެއަށް، ކަރަންޓީން ފުރިހަމަކުރާ މީހުންނަށް ވެސް ދެވޭނެ!

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޯލްޑިވިއަންގެ ކާގޯ ފްލައިޓުތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މި ދަތުރުތަކުގައި ގެންދާ މުދަލަކީ ކައުންސިލްތަކުން އެލްޖީއޭ އަށް ދޭ މައުލޫމާތާ އެއްގޮތަށް ރަށްރަށަށް ގެންދާ މުދާކަމަށް މަބްރޫކު ވިދާޅުވިއެވެ. އެގޮތުން ކޮންމެދުވަހަކުވެސް ކާގޯ ދަތުރުތައް ބާއްވާނެ ކަމަށާއި މި ދަތުރުތަކުގައި ގެންދާ މުދަލާ ގުޅޭކަންތައް އެލްޖީއޭ އިން ކައުންސިލްތަކާ ގުޅައިގެން ހަމަޖައްސާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވީ ކަރަންޓީނު ފެސިލިޓީތަކުގައި 14 ދުވަސް ފުރިހަމަ ކުރުމަށްފަހު ދޫކޮށްލާ ފަރާތްތަކަށް ރަށްތަކަށް ދެވޭނެ އިންތިޒާމު އެމްއެންޑީއެފް އާއި ގުޅިގެން ރާވަމުންދާ ކަމަށެވެ.

އަދި މޯލްޑިވިއަން އިން މިހާރު ކޮންމެ ދުވަހަކު ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް އެއާޕޯޓުތަކަށް އަޅާ ކާގޯ ފްލައިޓުތަކުގައި ވެސް އެ ފަރާތްތަކަށް ދިޔުމުގެ ފުރުސަތު އޮންނާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އެ އިންތިޒާމު ވެސް އެބަ ރާވާ. އެންޑީއެމްއޭ އިން ވަކި އަދަދަކަށް ގޮނޑި ވެސް އެބަހުރި ކާގޯ ފްލައިޓުތަކުގައި މާލެއިން އަތޮޅުތަކަށް ދާއިރު އެ ފަރާތްތައް ގެންދެވޭނެ ކަހަލަ ގޮތަކަށް" މަބްރޫކް ވިދާޅުވިއެވެ.

މޯލްޑިވިއަން ހުރިހާ ޑޮމެސްޓިކް އެއާޕޯޓަކަށް ކާގޯ ފްލައިޓުތައް އަޅަން ނިންމީ އަތޮޅުތަކަށް މުދާ ގެންދިއުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!