130 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި ކަމަށް ބުނާ ޝަހީބު ދޫކޮށްލައިފި

ހުޅުމާލޭ ކައިރީ އޮތް ދޯންޏަކުން މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނުނު ޝަހީބް އިބްރާހިމް (ކާފަ) ދޫކޮށްލައިފިއެވެ.
އިދިކޮޅު ޕީއެންސީގެ ކައުންސިލްގެ މެންބަރަކަށް ވެސް ހުންނަވާ ޝަހީބު ދޫކޮށްލީ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ. އެކަން ފުލުހުން ވެސް ވަނީ ކަށަަވަރު ކޮށްދެއްވާފައެވެ.
ރައްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ޝަހީބުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު އޮންލައިން ނޫސް "ވަގުތު" އަށް މައުލޫމާތު ދިން ކަމަށް އެނޫހުން ބުނެފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޝަހީބު ދޫކޮށްލާފައި ވަނީ ހެކި ހުރެގެން ފުރަތަމަ ފަހަރަށް މުއްދަތު ދިނުމަށް ފަހު، ތަހުގީގަށް މިހާރު އިތުރަށް ލިބިފައިވާ ހެއްކާއެކު މިއަދު ކޯޓަށް ހުށަހެޅުމުން ކަމަށެވެ.
ޝަހީބު ދޫކޮށްލަން އަމުރު ކުރީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.