ޚަބަރު

ޔާމީންގެ ސަލާމަތާ ރައްކާތެރިކަމާމެދު ކަންބޮޑުވޭ: އިދިކޮޅު

ދެން އެމްވީ ، ދެން އޮންލައިން

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަލާމަތާ ރައްކާތެރިކަމާމެދު ކަންބޮޑުވާ ކަމަށް އިދިކޮޅުން ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.

މާފުށީ ޖަލުގައި އިއްޔެ ހިނގާދިޔަ ހަމަނުޖެހުމާ ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމާއި، ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމާއި އަދި އެ ފަރާތްތަކަށް ވެސް ރައްކާތެރި މާހައުލެއް ގާއިމުކުރުމަކީ ކަރެކްޝަންސްގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށެވެ.

މާފުށީ ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޖަލަށްލާފައިވާ އިދިކޮޅު ކޯލިޝަނުގެ ލީޑަރު ޔާމީންގެ ސަލާމަތާ ރައްކާތެރިކަމާމެދު ކަންބޮޑުވާ ކަމަށާއި އެމަނިކުފާނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެ ބަޔާނުގައި ވަނީ ސަރުކާރަށް ގޮވާލާފައެވެ.

މީގެއިތުރުން ޖަލުގެ ހާލަތު ރަނގަޅު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެކުރިން ވިދާޅުވި ނަމަވެސް އެ ކަންކަން އިސްލާހުނުވެ އެފަދަ ކަންތައްތައް ތަކުރާރު ވެގެން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އަދި މިކަމުން ކަންކަން އިސްލާހު ކުރުމުގެ ގާބިލުކަން ނެތް ކަމާއި، ގައިދީންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ފެއިލްވެފައިވާކަން ހާމަވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އާއި ހޯމް މިނިސްޓަރު އިސްތިއުފާ ދެއްވުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!