ނިޒާމުތަކަށް އޮބިނޯންނަ ވަރަށް ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ ފިޔަވަޅުތަކަށް ބޯލަނބައިގެން: އަމީން
ނިޒާމުތަކަށް އޮބިނޯންނަ ވަރަށް ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ ފިޔަވަޅުތަކަށް ބޯލަނބައިގެން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، ނިޒާމުތަކަށް އޮބި ނޯންނަވަރަށް ހާލަތު ބަދަލުވުމުގެ ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް މަދުވެގެން 75 ޕަސެންޓަށް އަމަލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން މާލެ އިން އެންމެ ފުރަތަމަ ކޭސް އެއް ފެނުމާއި އެކު މާލެ ސަރަހައްދު ލޮކްޑައުންކޮށް ބޭރަން ނުކުމެ އުޅުން މަނާ ކުރެވިގެން ދިޔަ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
އަދި ސަރުކާރުން އަޅަމުން މިދާ ފިޔަވަޅުތަކާއި ދެމުންދާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުނުކުރާ މަދުބައެއްގެ ސަބަބުން ނޭދެވޭ ނަތީޖާއެއް ނުކުމެދާނެ ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
މިނިސްޓަރު އަމީން ވަނީ ޒާރޫރީ ބޭނުމެއްގައި ބޭރަށްދާ މީހުން އިތުރު އެހެން ބަޔަކާއި ކޮންޓެކްޓް ވެގެން ނުވާނެކަމަށާއި ފާސްތައް ދޫކޮށްފައިވާ މީހުން ވެސް މަސައްކަތުގެ ބޭނުމަށް ފާސް ބޭނުން ކޮށްގެން ބޭރަށް ދިއުމުގެ އިތުރުން އެހެނިހެން ކަންކަމުގައި މިދަނޑިވަޅު ބޭރަށް ނުނިކުތުން މުހިންމުކަމަށް ވިދާޅުވެފަ އެވެ.
ޑެލިވަރީ ކުރުމާއި އަދިވެސް އެހެން މަސައްކަތްތަކުގައި އުޅުމަކީ ބުރަ ކަމެއް ކަމަށާއި އެހެންނަމަވެސް އެ މީހުން ވެސް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް މިނިސްޓަރު ވަނީ އަތޮޅު ތެރެއަށް ދަތުރުކުރި މީހުން، ގޭގައި މަޑުކުރުމަށް އަންގާފައި ނެތް ތަމަސް ބަލި ފެތުރުމުގެ ފުރުސަތު އޮތުމުން، ގޭގައި މަޑުކުރުމަށް އިލްތިމާސް ކޮށްފައެވެ.