ޚަބަރު

ޑރ. ޝީނާގެ އަންދާޒާތައް ވަރަށް ދިމާވޭ، އެ ނަސޭހަތްތައް ސީރިއަސްކޮށް ނަންގަވާ: ޑރ. މޫސަ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް ޖެހޭނެ މީހުންގެ އަދަދާއި މަރުވާނެ ކަމަށް ލަފާކުރާ އަދަދު ކަމަށް ޑރ. ޝީނާ މޫސާ ކުރެއްވި އަންދާޒާ ވަރަށް ދިމާވާ ކަމަށާއި އެ ނަސޭހަތްތައް ސީރިއަސްކޮށް ނެގުމަށް ޖީއެމްއެޗްގެ ޑރ. މޫސާ ހުސެއިން ވިދާޅުވެއްޖެއެވެ.

ރ. މޫސަ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑރ. ޝީނާ އަކީ ކެރިއަރުގައި އޭނާއާ ބައްދަލުވި އެންމެ މަސައްކަތްތެރި ވިސްނުންތޫނު އެކަކު ކަމަށެވެ.

ޑރ. ޝީނާ ވަނީ 2007 ވަނަ އަހަރު ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލަ އޮފް ހެލްތު ސާވިސް އަދި ޕާމަމެންޓް ސެކްރެޓަރީގެ މަގާމު އަދާ ކުރައްވާފައެވެ.

"އަޅުގަނޑު އެމްޕީއެޗް ފުރިހަމަކުރުމަށްފަހު، އެޗްވަންއެންވަން އައުޓް ބްރޭކްގައި ނޭޝަނަލް ކޮންޓިޖެންސީ ޕްލޭންގައި މަސައްކަތް ކުރި އިރު، ޑރ. ޝީނާއާ އެކު މަސައްކަތް ކޮށްލުމުގެ ފުރުސަތު ލިބުނު، އޭރު ޑރ. ޝީނާއާއެކު މަސައްކަތް ކުރުމުގެ ތެރޭގައި އަޅުގަނޑަށް އެނގުނީ އެކަމަނާގެ ގާބިލްކަން. އަދި އެކަމަނާ މައްސަލަތަކާ ކުރިމަތިލާ ގޮތާއި ހައްލު ކުރާ ގޮތް ވަރަށް ވެސް ފުރިހަމަ." ޑރ. މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ޑރ. ޝީނާގެ އަންދާޒާތައް އެބަ ދިމާވާ ކަމަށާއި ފުރުސަތު ދީފި ނަމަ މި ބަލިމަޑުކަމުގައި އެކަމަނާ ދޭ ލަފާއާއި އިރުޝާދަކީ އެންމެ އަޑުއެހުމާއި އަމަލުކުރުމަށް އެންމެ ރަނގަޅު އިރުޝާދުތައް ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"އަޅުގަނޑު އެދެން ހުރިހާ ދިވެހިންގެ ފަރާތުން ވެސް ޑރ. ޝީނާގެ އިރުޝާދުތައް ބޯލަނބައި އެކަންތައްތަކަށް އަމަލުކުރަން. އޭރުން މިހާލަތުން އަރައިގަތުމަށް އެޙިއަކަށް ވާނެ. ކޮވިޑް-19އާ ގުޅިގެން ޑރ. ޝީނާ ގައުމަށްޓަކައި އެ ކޮށްދެއްވާ މަސައްކަތައް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން." ޑރ. މޫސަ ވިދާޅުވިއެވެ.

ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ޝީނާ ވިދާޅުވީ ކުރިއަށް އޮތް 21 ދުވަސް ތެރޭގައި ރާއްޖޭގައި ފަރުވާ ނުދެވޭ ވަރަށް ބަލި މީހުން ގިނަވެ ބޭނުންވާ ވަރަށް ވަސީލަތްތައް ނެތި 2000 ވަރަކަށް މީހުން މަރުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!