ޚަބަރު

ނަރުދޫން ފައްސިވި މީހާއާ ގުޅުންހުރި 5 މީހެއްގެ ފަރާތުން އަލާމާތްތައް ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ށ. ނަރުދޫން ފައްސިވި މީހާއާ ގުޅުންހުރި 5 މީހެއްގެ ފަރާތުން އަލާމާތްތައް ފެނިއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އަމާޒު ބޯޓުގެ ކެޕްޓަން ކޮވިޑަށް ފައްސި ވެފައިވާ ކަމަށާއި އެއާއެކު އެ ބޯޓުގެ ކޮންޓެކްޓް ޓްރޭސިން ހަދަމުންދާއިރު، މިއީ ވަރަށް ބޮޑު ކްލަސްޓާއަކަށް ވުން އެކަށީގެންވާ ކަމަށެވެ.

މި ބޯޓުން 98 މީހަކު ދަތުރުކޮށްފައިވާއިރު މި ބޯޓަކީ މި މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރި ބޯޓެއް ކަމަށާއި، މި ބޯޓު ނ. މާފަރާއި ހެނބަދޫ، މިލަދޫ، ވެލިދޫ، ކެނދިކުޅުދޫ، ހޮޅުދޫ އަދި ށ. ނަރުދޫ، ފުނަދޫ، މާއުނގޫދޫ އަދި ފީވައްގެ އިތުރުން ހއ. އުތީމާއި ދިއްދޫ އަށް ދަތުރުކޮށްފައިވާ ކަމަށް އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވަނީ މި ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް ކޮންޓެކްޓް ޓްރޭސިން އަށް ފާހަގަކުރެވިފައި ނުވާ މީހުންތައް އެޗްޕީއޭގެ ހޮޓްލައިނަށް ގުޅައި އެކަން އެންގުމަށް އެދިފައެވެ.

"މި ބޯޓުގައި މިހާތަނަށް ކޮންޓެކްޓް ޓްރޭސް ކުރެވުނު މީހުންގެ ތެރެއިން ފަސް މީހެއްގެ ފަރާތުން އަލާމާތްތައް ފެނިފައިވޭ. އެއާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރިއަށް އެބަދޭ" އަފްޒަލް ވިދާޅުވިއެވެ.

އަމާޒު ބޯޓުގެ ކެޕްޓަން ފައްސިވުމުން އެ ބޯޓު ދަތުރުކުރި ބައެއް ރަށްތައް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!