ވިޔަފާރި

ކަނޑޫދޫ މިރުހުގެ އަގު ރަނަށް، ކިލޯއެއް 2500 ރުފިޔާ

ކޮންމެ ރޯދަ މަހަކު ތަކެތި އަގުބޮޑުވާ ވާހަކައަކީ އަބަދު ވެސް އިވެމުން އަންނަ ވާހަކައެވެ. އެގޮތުން ގޭގެ ސުފުރާމަތީގައި އާންމު ގޮތެއްގައި ބޭނުންކުރާ ތަކެތި ކަމަށްވާ މިރުހާއި ފިޔާގެ އިތުރުން ފަނި ގިރަން ބޭނުންވާ ތަކެތި އަގު ބޮޑުވެގެން އެވާހަކަ އާންމުން ދައްކައެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް ކަނޑޫދޫ މިރުހުގެ އަގު ބޮޑުވެ، އަގު 2500 ރުފިޔާއަށް އުފުލިއްޖެއެވެ.

މިއަހަރު ކަނޑޫދޫ މިރުހުގެ އަގު މިހާ ބޮޑަށް އުފުލިފައިމިވަނީ ކޮވިޑް19 އާއި ގުޅިގެން ދަނޑުވެރިކަމުގެ ބާވަތްތައް މާލެ ގެނައުން ދަތިވެފައިވާތީ ކަމުގައި ބެލެވެއެވެ.

ބާޒާރަށް ބަލާއިރު މިއަހަރު ރޯދަ މަހު އަދި މިހާތަނަށް އެންމެ އަގު އުފުލިފައިވަނީ ވެސް ކަނޑޫދޫ މިރުހުގެ ކަން ފާހަގަކޮށްލަން ޖެހެއެވެ. ކަނޑޫދޫ މިރުހުގެ އަގު 2500 ގައި ހުރި އިރު އާދައިގެ މިރުސް ކިލޯއެއް ވެސް ބާޒާރުގައި ހުރީ 500 ރުފިޔާ އަށެވެ.

އެހެން މިރުސްތަކާ އަޅާބަލާއިރު ކަނޑޫދޫ މިރުސް ހާއްސަ ވަނީ އެ މިރުސް ކުޅިވެފައި ރަހަ މީރުވުމުގެ ސަބަބުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!