ޚަބަރު

އިދިކޮޅު އެއްވުމަކުން ހައްޔަރުކުރި މީހަކު ބަންދުކުރީ ގާނޫނާ ޚިލާފަށް: ހައި ކޯޓް

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހު ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަޕޯޓަރުން ބޭއްވި އެއްވުމެއްގެ ތެރެއިން ހައްޔަރުކުރި މީހަކު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އެ އަމުރު ހައިކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

Ads by STELCO

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރަން ގޮވާލައި، މިދިޔަ މަހުގެ ކުރީކޮޅު އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާ އަކަށް ފަހު މާލޭގެ އެކި ތަންތަނަށް އެއްވުމުން، ބައެއް މީހުން ހައްޔަރުކުރި އެވެ. އެ މީހުން ބަންދުގައި ބޭތިއްބުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ބަންދުކުރި މީހުންގެ ތެރޭގައި ހިމެނޭ މުހައްމަދު ރަޝީދު، ދަގަނޑުތަޅާގެ/ތ.ހިރިލަންދޫ، ވަނީ އޭނާ ފަސް ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. މުހައްމަދު ރަޝީދުގެ ފަރާތުން އެ އަމުރު އިސްތިއުނާފުކޮށްފައި ވަނީ، އޭނާ ބަންދުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެއެވެ.

ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ވަކީލަކު ހަމަޖައްސާފައި ވަނިކޮށް، އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ ބަންދު މުއްދަތު މަޖިލީހުގައި ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ދިނުމެއް ނެތި ކަމަށެވެ. އަދި އެކަން ފުލުހުންގެ ފަރާތުން ދެއްކި ވާހަކަތަކުން ވެސް އެނގޭތީ ވަކީލެއްގެ ހައްގުން އޭނާ މަހްރޫމް ކޮށްފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

އަދި މުޖުތަމައުގެ ސަލާމަތަށް އޭނާ ބަންދުކުރުމަށް އަމުރު ކުރިއިރު، އޭނާއަކީ ކުށުގެ ރެކޯޑެއް އޮތް މީހަކަށް ނުވާއިރު، އޭނާ ބަންދު ކުރުމަށް ކޯޓުން ރިއާޔަތްކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކޮން ކަމަކަށް ކަން ސާފުނުވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމުގައިވެއެވެ.

އެހެންވެ، އޭނާ ފަސް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ނުވާތީ އެ އަމުރު ބާތިލްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!