ކުޅިވަރު

ރެސިޕީ: ކުކުޅު ސަބްމެރިން

ދެން އެމްވީ

ބޭނުންވާ ތަކެތި:

3 ސަބްމެރީން ބަނަސް

500 ގްރާމް ކުކުޅު

1 ބޮޑު ފިޔާ

4 ލޮނުމެދު

½ ގިތެޔޮ މިރުސް

¼ ޖޯޑު ކުދިކޮށް ކޮށާފައިވާ ލީކްސް

1 ބޮޑު ޓޮމާޓޯ

½ ބޮޑު ބެލް ޕެޕަރ

2 މޭޒުމަތީ ސަމުސާ މެޔޮނެއިސް

2 ސައިސަމުސާ ޗިލީ ސޯސް

6 ފޮތި ޗެޑަރ ޗީޒް

¼ ޖޯޑު ތެޔޮ (ކުކުޅުކޮޅު ތެލުލުމަށް)

2 މޭޒުމަތީ ސަމުސާ ތެޔޮ (ފިޔާ މީރުކޮށް އެހެނިހެން ތަކެތި ކެއްކުމަށް)

2 ސައިސަމުސާ ބަޓަރު (ބަނަހުގައި އުނގުޅާލުމަށް)

ހަދާނެގޮތް:

ކުކުޅު ކޮޅު ކުދިކޮށް ކޮށާލާށެވެ. ގާތްގަނޑަކަށް 2 ސެންޓިމީޓަރުގެ ގޮޅިތަކެއް ވަރަށެވެ.

ބޮޑު ތެއްޔަކަށް ތެޔޮކޮޅު އަޅައި އެ ރަނގަޅަށް ހޫނު ކުރުމަށްފަހު ކުކުޅުކޮޅު އޭގެ ތެރެއަށް އަޅާލާށެވެ. ތެލުލާނީ ކުކުޅުކޮޅަށް ރަނގަޅަށް ރަން މުށި ކުލަ އަރައި އެއަށް ކުޑަކޮށް މުރަނަ ކަމެއް އަންނަންދެނެވެ. މިކަމަށް ގާތްގަނޑަކަށް ވިއްސަކަށް މިނެޓު ނަގާފާނެއެވެ. ކުކުޅުކޮޅު ތެލުލާއިރު ގިނި ބަހައްޓާނީ ކޮންމެވެސް ވަރަކަށް މަޑުކޮށެވެ.

ލޮނުމެދުތައް ޗަސްކޮށްލާށެވެ. އަދި ފިޔައާއި ބެލް ޕެޕަރ އާއި ޓޮމާޓޯވެސް ކުދިކުދި ކޮށް ކޮށާލާށެވެ. ކުކުޅު ކޮށި ވަރަށްވުރެ އަދި ކުޑަތަންކޮޅެއް ކުދިކޮށް ކޮށާލީމާ ރަނގަޅުވާނެއެވެ.

ތެއްޔެއްގެ ތެރެއަށް ތެޔޮކޮޅު އަޅާލުމަށްފަހު އެ ރަނގަޅަށް ހޫނު ކުރުމަށްފަހު އޭގެ ތެރެއަށް ފިޔާކޮޅާއި ލީކްސްކޮޅާއި ގިތެޔޮ މިރުސްކޮޅު އަޅާލާށެވެ. ގިތެޔޮ މިރުސްކޮޅު ކޮށާލާފައިވެސް އަޅާލެވިދާނެއެވެ. އަހަރުމެން މި ސަބްމެރީން ހެދިއިރު މިރުސް އޮތް ގޮތަށް ލާފައި ބަނަހަށް މަސްއެޅުމުގެ ކުރިން މަސްގަނޑުގެ ތެރެއިން މިރުސް ނެގީއެވެ. ފިޔާތައް ރަނގަޅަށް މަޑުވެލަންދެން ކައްކާލާށެވެ.

ދެން ޗަސްކުރި ލޮނުމެދުކޮޅު އަޅާލާފައި ބައިމިނެޓެއްހާވަރު ކައްކާލާށެވެ.

ތެލީގެ ތެރެއަށް ބެލް ޕެޕަރތައް އަޅާލާފައި ރަނގަޅަށް އެއްކޮށްލުމަށްފަހު އަނެއްކާވެސް މިނެޓެއްހާއިރު ކައްކާލާށެވެ.

ދެން ޓޮމާޓޯ ކޮޅާއި ކުކުޅުކޮޅު އަޅާލާ ރަނގަޅަށް އެއްކޮށްލުމަށްފަހު ތެލީގައި މަތި ޖަހާފައި މަޑު ގިނީގައި ހަތަރު ވަރަކަށް މިނެޓު ކެކިލަން ބަހައްޓާށެވެ.

ޗީޒް ފޮތިތައް ތެލީގެ ތެރެއަށް އަޅާލާ އެއްކޮށްލުމަށްފަހު ޗީޒްތައް ވިރެންދެން ކައްކާލާށެވެ.

ބޯތަށްޓެއްގެ ތެރޭގައި މެޔޮނައިސްއާއި ޗިލީ ސޯސްކޮޅު އެއްކޮށްލާށެވެ.

ދެން ސަބްމެރީން ބަނަސްތައް އަރިމަތިން ފަޅާލާށެވެ. އަދި ކޮންމެ ބަނަހެއްގެ ބޭރުގައި ރަނގަޅަށް ބަޓަރު އުނގުޅުމަށްފަހު ހޫނުކޮށްފައިވާ ތަވައެއްގެ މަތީގައި ޓޯސްޓް ކޮށްލާށެވެ. ދެ ފުށް ވެސް ޓޯސްޓް ކުރަންވާނެއެވެ.

ކުރިން ތައްޔާރުކުރި މެޔޮނެއިސް އާއި ޗިލީ ސޯސް ބަނަސް ފަޅާލި ތަނުގެ އެތެރެއިން ދެ ފަރާތުގައި އުނގުޅާލާށެވެ.

ދެން ކުރިން ތައްޔާރުކުރި މަސްގަނޑު ތިން ބަޔަށް ބަހާލުމަށްފަހު ބަނަހުގެ ތެރެއަށް އަޅާލާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!