އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ހުށަހެޅުން އަންނަ ހޯމަ ދުވަހު
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނީ އަންނަ ހޯމަ ދުވަހު ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު މިހެން ވެދާޅުވެފައިވާއިރު މި އަހަރުގެ ބަޖެޓުގެ ގޮތުގައި މަޖިލީހުން ފާސްކޮށްފައި ވަނީ 37.8 ބިލިއަން ރުފިޔާ އެވެ.
ބަޖެޓް ހުޅުވާލެމަށްފަހު ބަހުސް ފެށޭނެ ކަމަށާއި ކޮންމެ މެންބަރަކަށް ވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މި ބަޖެޓުގައި އަހަރު އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު މިއަހަރުގެ މިހާތަނަށް އާމްދާނީގެ ގޮތުގައި ލިބިފައިވަނީ ގާތްގަނޑަކަށް 11 ބިލިއަން ރުފިޔާ އެވެ. ކޮވިޑް-19އިގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވުމާ ގުޅިގެން ބަޖެޓުގެ 6.1 ޕަސެންޓް ޑެފިސިޓް ވާނެ ކަމަށް ބުނެފައިވެ އެވެ.
ކޮވިޑް-19 އަށް ބޯޑަރު ބަންދު ކުރުމުން ރާއްޖޭގެ އިގްތިސޯދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި އަހަރު ދައުލަތުގެ އާމްދަނީ އިން 14.6 ބިލިއަން ރުފިޔާ މަދު ވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.