ރިޕޯޓު

މިއަހަރުގެ ރަމަޟާންމަހަކީ ޙަޔާތުގެ އެންމެ ފައިދާހުރި ރަމަޟާން މަހަށް ވެސް ހެދިދާނެ ، މިގޮތަށް ޢަމަލު ކުރަމާ!

ދެން އެމްވީ

މިއަހަރުގެ ރަމަޟާން މަސް އަހަރެމެންނާއި މި ބައްދަލު ކުރީ މުޅިން ތަފާތު ޙާލަތެއްގައެވެ. އެމަހެއްގައި ﷲގެ ގެކޮޅުތައް ފުރިބާރުވާ އިރު މިއަހަރުގެ ރަމަޟާންމަހުގައި އެތަންތަން ހުރީ ފަޅުކޮށެވެ. ގާތްތިމާގެ މީހުން އެކަކު އަނެކަކުގެ ގެއަށް ޒިޔާރަތް ކޮށް ހަދިޔާ ބަދިޔާ ބަދަލު ކުރާއިރު މިއަހަރު އެންމެން މިތިބީ ގެއަށް ވަދެ ، ގޭބަންދު ވެގެންނެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ މިއީ އެކަމެއްގައި ވަރަށް ބޮޑު ހެޔޮ ކަމެއް އެކުލެވޭ ކަމެކެވެ. އާއިލާއަށް ވަގުތު ނުދެވި ބުރަ މަސައްކަތުގައި އުޅުނު ބައްޕައިންނާއި މަންމައިންނަށް އަދި މައިންބަފައިންނާއެއްކޮށް ވަގުތު ހޭދަކޮށްލަން ނުލިބުނު ދަރީންނަށް މިއޮތީ އެ ފުރުސަތު ފަހިވެފައެވެ. މި ރަމަޟާން މަހަކީ ޙަޔާތުގައި އައި އެންމެ އުފާވެރި އަދި ފައިދާ ހުރި ރަމަޟާން މަހަށް ވެސް ހެދި ދާނެއެވެ. މިގޮތަށް ޢަމަލު ކޮށްލަމާ ހެއްޔެވެ؟

ފުރަތަމަ ކަމަކަށް އަޒުމް ކަނޑައަޅަމާ ހިނގާށެވެ. މިއަހަރުގެ ރަމަޟާން މަހަކީ އަމިއްލަ ނަފްސާއި މުޅި އާއިލާވެސް އީމާންކަމުގެ ނޫރުން އަލިވިލުވާލާނެ މަހަކަށް ހެދުމަށް ވަރުގަދަ އަޒުމެއް ކަނޑައަޅާށެވެ.

ޝެޑިއުލް ރާވާލާށެވެ. ފުރަބަންދުގައި ތިބި ނަމަވެސް ޝެޑިއުލެއް ރާވާ ލުމަކީ ވަރަށް މުހިންމު ކަމެކެވެ. ދުވަހަކު ކިޔަވާނީ ޤުރުއާންގެ ކިހާ މިންވަރެއްތޯ ، ކޮންގަޑިއެއްގައިތޯ ނުވަތަ ދަރުސްއެއް އަޑު އަހާލާނީ ކޮން ގަޑިއެއްގައިތޯ މިކަންކަން ލިޔުމުން ޝެޑިއުލް ކޮށްލުމަކީ ވަގުތުތައް ހޭދަ ކުރަން ފަސޭހަ ވާނެ ކަމެކެވެ. އެހެން ނަމަވެސް ވިސްނަވައްޗެވެ. ތިމާއަށް ޙާޞިލް ނުކުރެވޭވަރުގެ ޕްލޭނެއް އެކަށައަޅައިގެން އެކަން ފެއިލްވިޔަ ނުދޭށެވެ. އެންމެ ބުއްދިވެރި ގޮތަކީ ފުރަތަމަ 10 އަށް ޕްލޭން ހެއްދެވުމަށްފަހު އެކަން ހިނގި މިންވަރަށް ބެލުމަށްފަހު ދެވަނަ ދިހައަކަށް ޕްލޭން ހެދުމެވެ.

އާއިލާއާއި ރައްޓެހިންނާ ގުޅުން ބަދަހިކުރާށެވެ. ފުރަބަންދުގެ ޙާލަތުގައި މިކަން ކުރާނީ ކިހިނެއްތޯ ސުވާލު އުފެދިދާނެ އެވެ. ނަމަވެސް މީހުންނާ ގުޅާ މުޢާމަލާތް ކުރެވޭނެ އެތައް ގޮތެއް އަހަރެމެންނަށް އެބައޮތެވެ. ރަޙުމަތްތެރިޔާ ރޯދަ ވީއްލައިފިންތޯ ، ނަމާދު ކުރިންތޯ ބަލާލަން ވާނެއެވެ. ބައެއް މީހުން ފުރަ ބަންދުގައި ތިބީ އެކަނި ކަމަށްވުމާއެކު ފަތިސް ނަމާދުގެ ގަޑީގައި ހޭލާ އުޅޭތޯ ބަލާލުމަށް ގުޅާލަން ވާނެއެވެ. ރަޙުމަތްތެރިޔާގެ ދުޢާގައި ތިބާ ހިމަނައިދިނުމަށް އެދެން ވާނެއެވެ. ހަމައެއާއެކު ތިބާގެ ދުޢާގައި އެންމެން ހިމަނަން ހަނދާން ކުރާށެވެ.

ބޭނުން ޖެހިފައިވާ މީހުންނަށް އެހީވާށެވެ. ކުޑަ ވަގުތު ކޮޅެއް ހޯދައިގެން ނަމަވެސް މިކަން ކުރެވޭނެ ގޮތެއް ރާވާލާށެވެ. އެހީފޯރުކޮށްދޭ ޖަމްއިއްޔާއަކަށް އެހީއެއް ދީގެން ވިޔަސް ނިކަމެތި ޙާލަތުގައި ތިބި މީހުންނަށް ތިބާގެ ފަރާތުން ކޮންމެ ވެސް މިންވަރެއްގެ އެހީއެއް ވެވޭކަން ޔަގީން ކުރަން ވާނެއެވެ. އެހެނީ މި މަހަކީ ޞަދޤާތް ކުރުމުގެ މައްސަރުވެސް މެއެވެ. އަމުދުން މިޙާލަތުގައި ދަތި ޙާލުގައި ތިބި މީހުން ބައިވަރެވެ. ގޭގައި ކާއެއްޗެއް ބާކީ ހުރި ނަމަވެސް ޖެހިގެން ހުރި އަވަށްޓެރިޔާއަށް ނަމަވެސް ނުވަތަ ފިހާރައިގައި މަސައްކަތް ކުރާ ބިދޭސީ މީހާއަށް ނަމަވެސް ފޯރުކޮށްދޭށެވެ. ކުޑަމިނުން ފެންފުޅިއެއް ނަމަވެސް ތިމާގެ ޞަދަގާތުގެ ތެރޭގައި ހިމަނާލާށެވެ.

އާއިލީ އަޅުކަމާއި ، ﷲ އަށް ދެންނެވުމަށް ގިނިކަންޏާ ވަގުތުކޮޅެއް ހުސްކޮށްލާށެވެ. އެހެންއަހަރުތަކުގެ ރަމަޟާން މަސް އަހަރެމެންނާއި ބައްދަލު ކުރަނީ އޮފީސް މަސައްކަތްތަކާއި ބުރަ މަސައްކަތްތަކާއެކުއެވެ. ހަމައެހެންމެ އެހެން އަހަރުތަކުގައި ޓީވީ ތަކުން އަންނަ އެހާރާއި މިހާރާއި ދޫފުރޮޅިތަކާއި އެކި ވައްތަރުގެ ޗެލެންޖުތަކުން އަހަރެމެން މިއަހަރު މިތިބީ މިނިވަން ވެފައެވެ. ކޮފީތަކުގައާއި އެހެނިހެން ކަންކަމުގައި ބިޒީކޮށް އުޅުނު ބައްޕައިންނަށް ، ބޭބެއިންނަށް އާއިލާއަށް ވަގުތު ދިނުމަށް މިއަދު މިއޮތީ މަޖުބޫރު ވެފައެވެ. މި މަޖުބޫރުކަން ﷲ މިންވަރު ކުރެއްވީ ބަރަކާތްތެރި ރަމަޟާންމަހާއި ގުޅިގެން ކަމަށްވުމާއެކު އެކަން ހެޔޮ ފާލެއްގެ ގޮތުގައި ބަލައިގަންނާށެވެ. އާއިލާއާއެކު އަޅުކަންތައް އަދާ ކުރަން ޝެޑިއުލްގައި ހިމަނާ ލައްވާށެވެ.

ފަރުޟު ނަމާދުތަކާއި ތަރާވީޙް ގޭގައި ޖަމާޢަތުގައި ކުރައްވާށެވެ. އަނބިމީހާއާއެކު އެކަނި ނަމަ ތިމާ އިމާމުވެ ކުރައްވާށެވެ. ދަރީންނާއެކު ނަމަ ދަރިފުޅު އިމާމަކަށް ހައްދަވާ ދަރިފުޅު ފަހަތުގައި އިމާމްވެ ނަމާދުކޮށްލުމުގެ ފޮނިކަން ވެސް އިހްސާސް ކޮށްލައްވާށެވެ. އާއިލާ އެއްކޮށް ދަރުސް އަޑުއަހާލާނެ ވަގުތު ކޮޅެއް ހުސްކުރައްވާށެވެ. ޤުރުއާން ކިޔެވުމުގެ ޖަމާޢަތް ގޭގައި ބާއްވަވާށެވެ. ރޯދަ ވީއްލާ ގަޑީގެ މާތްކަން ދަނެ ، އާއިލާ އެއްކޮށް ކާމޭޒު ކައިރީގައި ތިބެ ނަމަވެސް ﷲ އަށް ދެންނެވުމަށް އެވަގުތުކޮޅު ހުސްކޮށްލައްވާށެވެ.

އާއިލާއާއެކު މިފަދަ ކަންކަން ރާވާލުމުގެ އިތުރުން ތިމާ ގިނިކަންޏާ ﷲ އަށް ދެންނެވުމަށް ''ކޮލިޓީ ޓައިމް''އެއް ހުސްކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ. ޚާއްޞަކޮށް ރޭގަނޑުގެ ފަހު ބަޔަށް މިވަގުތު ހައްދަވާށެވެ. އެވަގުތަކީ ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގަންނަވާ ވަގުތެވެ. އަދި އެވަގުތުގައި އެއިލާހަށް ކަމަކަށް އެދި ދަންނަވަނީ ކާކުތޯ އަދި އެއިލާހުގެ ފުއްސެވުން އެދެނީ ކާކުތޯ ވަހީ ކުރައްވައެވެ.

މިކަންކަން ރާވާ ތަންފީޒު ކުރެވިއްޖެނަމަ މި ރަމަޟާން މަހަކީ ތިބާގެ ޙަޔާތުގައި އައި އެންމެ އުފާވެރި ރަމަޟާން މަސް ކަމަށް ހެދިދާނެއެވެ. އާއިލާގައި އީމާނުގެ ވޮށެއް ދިއްލާލެވިދާނެއެވެ. ގުޅުން ބަލިކަށިވެފައިވާ އާއިލާތަކަށް ދިރުން ގެނެސްދީ ، އިތުބާރު ގެއްލިފައިވާ ދެމަފިރިންގެ މެދުގައި އިތުބާރު އާލާވެގެން ދާނޭ ކަމެއް ކަމުގައި ޔަގީނުން ވާނެއެވެ. މިފަދައިން އަމަލުކޮށް އެކަމުގައި ސާބިތު ހުރެވޭތޯ ﷲ އަށް ދަންނަވާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!