މިސަރުކާރުގެ ބޭނުމަކީ މިދިޔަ ދެ އަހަރު ތެރޭގައި ހިންގި ޖަރީމާތައް ހިންގުމަށް ރައީސް ޔާމީން އެކަހެރި ކުރުން :ޑރ. މުޢިއްޒު
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަކީ އަބަދުވެސް ޤާނޫނާއި ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތާނެ ބައެއް ކަމަށާއި، އެހެން ނަމަވެސް ޤަވާއިދާއި ޤާނޫނަކީ މިސަރުކާރުގައި ހަމައެކަނި އިދިކޮޅު ކޯލިޝަނަށް އޮތް އެއްޗެއްތޯ ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަންގެ ފަރާތުން ރޭ ޕީޕީއެމް އޮފީސް ދޮރުމަތީގައި، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި "ބަޑި ބުރާސްފަތި" ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުޢިއްޒު ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބަށް ކެމްޕޭނު ކުރުމަށް އެމްޑީޕީގެ ބައެއް ބޭފުޅުން ވަޑައިގަންނަވާއިރު ވެސް އެޗްޕީއޭ ގެ މިންގަނޑުތަަކަށް ނުބައްލަވާކަން ފާހަގަ ކުރައްވާފައެވެ.
އެޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުޢިއްޒު ވަނީ ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ މުހިންމުކަމާއި، އެދުވަހަކީ ދިވެހީންގެ މިނިވަންކަން ނަގާލުމަށް ބާޣީންތަކެއް ކުރި މަސައްކަތުން ސަލާމަތްވެ ނަސްރު ލިބުނު ދުވަސްކަން ވެސް ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން ޑރ. މުޢިއްޒު ވަނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނުޙައްޤުން ޖަލަށްލާފައި ހުންނަތާ މިއަދަށް 340 ވެފައިވާކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން މިމަހުގެ 28 ވަނަ ދުވަހަށް، އެމަނިކުފާނު ޖަލަށްލާފައި ހުންނަތާ އަހަރެއް ވާނެކަން ވެސް ޑރ. މުޢިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ.
"ކޮބައިތޯ އިންސާފު؟ މިސަރުކާރުގެ ބޭނުމަކީ މި ފާއިތުވީ ދެ އަހަރު އެބޭފުޅުން ހިންގަން ބޭނުންވި ޖަރީމާތައް ހިންގުމަށް، ރައީސް ޔާމީން އެކަހެރި ކުރުން" ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފެންނަ ގޮތަށް ރައީސް ޔާމީންގެ ޝަރީޢަތް ހިނގާފައިވާއިރު، އެޝަރީޢަތް ނިމުނީ އިންސާފުވެރިކޮށް ނޫން ކަމަށް ވެސް ޑރ. މުޢިއްޒު ވިދާޅުވެފައި ވެއެވެ.