ޚަބަރު

އިދިކޮޅުން ރައީސަށް ސިޓީއެއް: އިހުސާންތެރިކަން އިސްކޮށް، ޔާމީން ގެއަށް ބަދަލުކޮށްދީ

ދެން އެމްވީ ، ދެން އޮންލައިން

އިހުސާންތެރިކަން އިސްކުރައްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އެދި، އިދިކޮޅު ކޯލިޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފިއެވެ.

Ads by STELCO

އިދިކޮޅުން ފޮނުވި މި ސިޓީގައި ބުނެފައިވަނީ ފަހަކަށް އައިސް މާފުށީ ޖަލުގައި ހަމަނުޖެހުންތައް ހިނގާ އަދި ގައިދީންގެ ފަރާތުން ތަފާތު އިންޒާރުތައް ޖަލުގެ ޚަބަރުތައް އޮފިސަރުންނަށް ދެމުންދާ ކަމުގެ ވަގުތެއްގައި ތަފާތު މީޑިއާތަކުގައި ފެތުރެމުން ދަނިކޮށް، މިއަދުގެ މާފުށީ ޖަލުގައި ފުލުހުންގެ އޮޕަރޭޝަނެއް ހިންގި ކަމުގެ މަޢުލޫމާތުވެސް ޚަބަރުތަކުން ފެނިފައިވާ ކަމަށެވެ.

ނަމަވެސް މިކަމުގެ އިތުރު އެއްވެސް ތަފްސީލެއް ހޯމް މިނިސްޓްރީން ވެސް އަދި ފުލުހުން ވެސް ދެއްވާފައި ނުވާ ކަމަށް އިދިކޮޅުން ބުނެފައިވެއެވެ.

ފަސް އަހަރަށް ޖަލަށްލާފައިވާ ޔާމީން ވެސް ހުންނެވީ މާފުށީ ޖަލުގައިކަން ފާހަގަކުރައްވަމުން އިދިކޮޅުން ވަނީ ޖަލުގައި އެމަނިކުފާނު ހުންނަވަނިކޮށް، އެތަނުގައި ހަމަނުޖެހުން ހިނގުމާއި، ފުލުހުންގެ އޮޕަރޭޝަންތައް ހިންގުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.

މީގެއިތުރުން ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި މާފުށީ ޖަލުގައި ވެސް ވައިރަސް ފެތުރުމުގެ ބިރު އޮތްކަމާއި އަދި ރަމަޟާން މަހުގެ ރޭތަކާއި ދުވަސްތައް ޔާމީން ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގަތުމަކީ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުދާއިރު، އެމަނިކުފާނަށް ގާނޫނީ ގޮތުން ހައްގުވާ ކަފާލާތުގެ ފުރުސަތު ވެސް ނުލިބޭ ކަމަށާއި، ކަން ހިނގާ ގޮތަށް ބަލާއިރު ޔާމީން އާއި އެމަނިކުފާނުގެ އާއިލާ އަށް ސަރުކާރުގެ ފަރާތުން އަނިޔާވެރިވަމުންދާ ކަމަށް ގަބޫލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ބުނެފައިވެއެވެ.

އަދި ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެއްވުމަށް ވެސް އެ ސިޓީގައި ވަނީ ގޮވާލާފައެވެ.

"އަދި އަނިޔާވެރިކަމަށް ފުރުޞަތު ނުދެއްވާ އިހުސާންތެރިކަން އިސްކުރެއްވުމާއެކު، ރައީސް ޔާމީންގެ ހަށިކޮޅަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުން އެދި ދެންނެވީމެވެ" އެ ސިޓީގައި ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!