ޚަބަރު

އައްޑޫ ސިޓީ ހިތަދޫގެ އަތިރިމަތީގައި ކުނިތަކެއް އަންދަމުން ދިޔަ ވިޔަފާރިވެރިއެއް ޖޫރިމަނާ ކޮށްފި!

އައްޑޫ ސިޓީގެ ފިހާރައަކުން ކުނީގެ ގޮތުގައި ނައްތާލުމަށް ގިނަ އަދަދެއްގެ ތަކެތި ހިތަދޫ އުތުރުފަރާތު ހުޅަނޑު އަތިރިމަތީގައި އަންދަމުން ދިއުމުގެ ސަބަބުން އައްޑޫ ސިޓީ ކައުންސިލުން އެފިހާރަ ހިންގަމުން އަންނަ ވެރިޔާ ޖޫރިމަނާ ކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އެތަނުގައި ކުނި ނޭންދުމަށް، ހިތަދޫ އަވަށު އޮފީހުން އޭނާއަށް އަންގާފައިވާ ކަމަށާއި، އަދި އެތަނަށް އެޅި ކުނިތައް 15 ދުވަހުގެ ތެރޭގައި ސާފުކުރުމަށް އަންގާފައި ވީނަމަވެސް އެކަން ކޮށްފައި ނުވާ ކަމަށެވެ.

އެހެންކަމުން ހިތަދޫ އަވަށު އޮފީހުން ނެރެފައިވާ މިއަމުރަށް ތަބަޢަ ނުވުމުގެ ސަބަބުން އެ ފިހާރައިގެ ވެރިޔާ 2500 ރުފިޔާއިން ޖޫރިމަނާކޮށް، ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް ލަސްވެގެން 10 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ހިތަދޫ އަވަށު އޮފީހަށް ދެއްކުމަށް ވަނީ މިހާރު އަމުރުކުރެވިފައެވެ.

މީގެ އިތުރުން ހިތަދޫގެ އަތިރިމައްޗަށް އަޅާފައިވާ ކުނިތައް ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ކުރިން ނަގާ ސާފުކުރުމަށް ވެސް އެ ބަޔާނުގައި ވެއެވެ،

އަދ އެފިހާރައިން ކުނި ނައްތާލުމަށް ޓަކައި، ކުނި ނައްތާލާ ބަޔަކާއި ނޫނީ ވެމްކޯގައި ރަޖިސްޓްރީ ކުރުމަށް ވެސް އަންގާފައިވާނެ ކަމަށް އެބަޔާނުގައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!