ރިޕޯޓް

ކަރަންޓީން އީޖާދު ކުރީ އިސްލާމީ ޢިލްމުވެރިޔާ އިބްނި ސީނާތަ؟

ދެން އެމްވީ ، ދެން އޮންލައިން

"ކަރަންޓީން" މިއީ އިނގިރޭސި ބަހެކެވެ. މިބަހުގެ މާނައަކީ ބައްޔެއް ނުވަތަ ޖަރާސީމެއް ފެތުރިދާނެކަމަށް އިންސާނުންނާއި ތަކެތި އެއްތަނުން އަނެއްތަނަށް ނުގެންގޮސް ނުވަތަ ހަރަކާތްތެރިވެ އުޅުން މަނާ ކުރުމެވެ. މި ދުވަސްވަރު ކޮވިޑް-19 އާއި ގުޅިގެން މިބަސް އިންޓަރނެޓުން ދިރާސާކުރާ އަދަދު ދިހަ ހާސް އިންސައްތަ މައްޗަށް ގޮސްފިއެވެ. މީޑިޔާގެ އިތުރުން ސިއްޙީ އެހީތެރިންނާއި ސިޔާސީ މީހުނާއި މުނިފޫހި ފިލުވުމުގެ ދާއިރާގައި އުޅޭ މީހުންވެސް މި ބަސް ވަރަށް ގިނައިން މިހާރު ބޭނުން ކުރެއެވެ. މިއީ މިހާރު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސިއްޙީއެހީތެރިންގެ އިރުޝާދެވެ. މުޅި ދުނިޔޭގައި ވެސް މިކަން އޮތީ މިހެންނެވެ.

Ads by Sosun Fihaara

ނަމަވެސް ކަރަންޓީންއަކީ ކާކު އީޖާދު ކުރި ކަމެއް ހެއްޔެވެ؟ އެހެން ދީނުގެ ފޮތްތަކުގައިވެސް ކަރަންޓީނުގެ ވާހަކަ އެބަހުއްޓެވެ. ނަމަވެސް މިކަން އިޖާދު ކުރިކަމަށް ބެލެވެނީ މުސްލިމުންގެ ތެރޭގައި މަޝްހޫރު ހިސާބު ޢިލްމުވެރިޔާ އިބްނި ސީނާއެވެ. އިބްނި ސީނާ އަކީ ފިޒިކްސްގެ ޢިލްމަށް މޮޅު މީހެއްގެ އިތުރުން ނުޖޫމީ ޢިލްމުވެރިކަމާ، ފަލްސަފާ ޢިލްމަށް ވެސް ކުޅަދާނަ ލިޔުންތެރިއެވެ. ބޭސްވެރިކަމާ ބެހޭގޮތުން، ފަސް ބާބު ހިމެނޭގޮތަށް އިބްނި ސީނާ 1025 ގައި ލިޔުނު ފޮތުގައި، ގައިންގަޔަށް އަރާބަލިތަކުން ސަލާމަތްވުމަށް ކަރަންޓީނުގެ ވާހަކަ ގެނެސްފައިވެއެވެ. އެއީ ލޮލަށް ނުފެންވަރުގެ ކުދިކުދި އެއްޗެހީގެ ޒަރީޢާއިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅެއްގެ ގޮތުންނެވެ. ނަމަވެސް މިފޮތުގައި ބުނެފައިވާ ވާހަކައިގެ ހަގީގަތް ދުނިޔެއަށް ހާމަވީ އޭގެ އެތައް ގަރުނެއްފަހުން މައިކްރޮސްކޯޕް ވުޖޫދަށް އައުމަށްފަހު ވައިރަހާއި ބެކްޓީރިޔާ އިންސާނުންނަށް ފެންނަން ފަށާ، އޭގެ ޒަރީއާއިން ބަލިޖެހޭކަން ހޯދެން ފެށި ހިސާބުންނެވެ.

ނަމަވެސް އިބްނި ސީނާގެ ފޮތުގައި ވަރަށް ސާފުކޮށް އެފަދަ ބަލިތަކުގެ ކަރަންޓީނު މުއްދަތަކީ 40 ދުވަސްކަން ބަޔާން ކޮށްފައިވެއެވެ. 1347-1353 އާއި ދެމެދު ދުނިޔޭގައި ފެތުރުނު "ކަޅުމަރު" ގެ ދުވަސްވަރުވެސް، އިޓަލީގެ ވެނިސްއަށް ބަނދަރުކުރާ ބޯޓުތަކުގެ ފަޅުވެރިން 40 ދުވަސްވަންދެން އެއްގަމަށް ނުފައިބާ ތިބެން އެންގިއެވެ. އިޓަލީ ބަހުން ކިޔަނީ މިއަށް ކިޔަނީ "ކަރަންޓިނާ" އެވެ.

މިގޮތަށް ގައިންގަޔަށް އަރާބަލިތަކުން ސަލާމަތްވުމަށް އިބްނި ސީނާ ދީފައިވާ އިރުޝާދު ދުނިޔޭގެ ހުޅަނގާއި އުތުރަށް ފެތުރި، އިބްނި ސީނާގެ ބޭސްވެރިކަމުގެ ފޮތް ވަނީ 12 ވަނަ ގަރުނުގައި ލެޓިން އަދި ސްޕޭން ބަހަށް ތަރުޖަމާ ކުރެވިގެން ނެރެވިފައެވެ. އަދި 13 ވަނަ ގަރުނުން ފެށިގެން، ޔޫރަޕްގެ އެންމެ ދުވަސްވީ ޔުނިވަރސިޓީ ކަމަށްވާ ޔުނިވަރސިޓީ އޮފް ބޮލޯނިޔާގައި ބޭސްވެރިކަން ކިޔަވާދިނުމުގެ އެންމެ އަސާސީ މައުލޫމާތު ނަގަނީ މިފޮތުންނެވެ. 13 އިން ފެށިގެން 17 ވަނަ ގަރުނާއި ހަމައަށް ހުޅަނގުގެ ޔުނިވަރސިޓީތަކުގައި ވެސް މިފޮތް ބޭނުން ކުރިއެވެ.

މިހާރު 2020 ގައިވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް މިކުރާ ކަމަކީ ކަރަންޓީނު ކުރުމެވެ. މިއީ ހަމަ އިބްނި ސީނާގެ ފޮތުން ނަގާފައިވާ އިރުޝާދެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!