ލައިފްސްޓައިލް

ސުކޫލް ދައުރުގައި ގަޑި ކަޓުވަން ކުރީ ކޮންކަމެއް؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ސުކޫލް ދައުރުގެ ހަނދާންތަކަކީ އުފާވެރި ހަނދާން ތަކެކެވެ. ދިރިއުޅުމުގައި އައި ވަރަށް މުހިއްމު، މަޖާ ދުވަސް ތަކެކެވެ. ސުކޫލް ދައުރުގައި ހަނދާނުން ފޮހެލަން އުނދަގޫ އެތައް ކަމެއް ކޮންމެ މީހަކަށް ވެސް ދިމާވެފައި ހުންނާނެކަން ޔަގީނެވެ.

Ads by Sosun Fihaara

ސުކޫލަަށް ދިއުމަކީ ބައެއް ފަހަރަށް ވަރަށް ކުރާ ހިތް ނުވާ ކަމެކެވެ. ސަބަބަކީ ފަތިހު މުނާޖާ ކޮނޑު އަޅައިގެން ތެދުވަން ޖެހުމެވެ. އަރާމު ނިދިކޮޅު ނަގާލަން ޖެހުމެވެ. ނަމަވެސް އަބަދުވެސް މައިންބަފައިން ދޭ ނަސޭހަތަކީ ކިޔަވައިގެން ނޫނީ މުސްތަގުބަލުގައި އުފާވެރި ދުވަސްތަކެއް ނުލިބޭނެ ކަމަށެވެ. ސުކޫލަށް ގޮސް ކިޔެވުމުން އޭގެ ފައިދާ ފަހުން އަހަރެމެންނަށް ކުރާނެ ކަމެވެ. އެ ހުރިހާ ވާހަކައަކީ ވެސް ތެދު ވާހަކަ ތަކެކެވެ.

ސުކޫލް ދައުރުގައި ކުލާހުގައި އިނދެފައި ފޫހިވުމުން ނުވަތަ ނިދި އަންނަ ގޮތް ވުމުން ގަޑި ކަޓުވާލުމަށްޓަކައި ވަރަށް މޮޅެތި ކަންކަން ދަރިވަރުން ކޮށް އުޅެއެވެ. އެއީ ސުކޫލް ދައުރުގެ މަޖާ ހަނދާންތަކާ ގުޅިފައި ހުރި ކަންކަމެވެ.

މިހާރުވެސް ސުކޫލްގައި އުޅޭ ދަރިވަރެއްގެ ގާތުގައި ގަޑި ކަޓުވަން ކުރަނީ ކީއްތޯ ސުވާލު ކޮށްލީމެވެ. ޖަވާބު ދެމުން އޭނާ ބުނީ، ފާހާނާއަށް ދާން ކުލާހުން ނުކުތުމަށްފަހު ސުކޫލް ތެރޭގައި “އެނބުރެނީ” ކަމަށެވެ. ނުވަަތަ ފާހާނާއަށް ގޮސް ވެސް އިންނަން ކަމަށް އޭނާ ބުންޏެވެ.

އެގޮތަށް ގަޑި ކަޓުވާފައި ދިއުމުން އޭގެ އަނެއް ދުވަހު ޓީޗަރު ސުވާލު ކުރާނެ ކަން އޭނާ ފާހަގަ ކުރިއެވެ. ދެން އަނެއްކާ ވެސް ޖެހޭނީ ކޮންމެވެސް މޮޅު ވާހަކައެއް ދައްކާށެވެ. އެހެން ނޫން ނަމަ ކުލާހުން ބޭރަށް ވެސް ލައިފާނެއެވެ.

މާލޭގެ ސުކޫލެއްގައި ތައުލީމް ހާސިލުކުރި ދަރިވަރަކު ބުނީ ގަޑި ކެޓުވުމަށް ޓަކައި ހެލްތު ރޫމަށް ދާ ކަމަށެވެ.ޓީޗަރުގެ ގާތުގައި ބޮލުގައި ނުވަތަ ބަނޑުގައި ރިއްސަނީ ކަމަށް ބުނެ ކޮންމެވެސް ދޮގެއް ހެދުމަށްފަހު ގޮސް ގަޑި ނިމެންދެން ހެލްތު ރޫމްގައި އިންނަނީ ކަމަށް އެ ދަރިވަރު ބުންޏެވެ.

ބައެއް ފަހަރަށް ފިލާވަޅު ނުނިންމާ އާދެވުމުންވެސް ގަޑި ކަޓުވާ ކަމަށް އެހެން ދަރިވަރަކު ބުންޏެވެ. އެގޮތުން ބުނާ ވާހަކަ އަކީ ފޮތް ނުގެނެވޭ ކަމަށެވެ. އަދި ފޮތް ބަލައި ގެއަށް ނުވަތަ ބެލެނިވެރިޔާއަށް ގުޅައިގެން ގެންނަން ދިއުމަށް ފޮނުވާލުމުން އެ ގަޑި ނިމުމުން ނޫނީ ދެން ކުލާހަކަށް ނުވަދެއެވެ.

ގަޑި ކެޓުވުމަކީ ގިނަ ދަރިވަރުންތަކެއް ކުރާ ކަމެކެވެ. ނަމަވެސް އެއީ ރަނގަޅު އާދައެއް ނޫނެވެ. ޓީޗަރު ކިޔަވައިދެއްވާ ވަރަށް މުހިއްމު ފިލާވަޅެއް ވެސް ގަޑި ކެޓުވުމުން ގެއްލިގެން ގޮސްދާނެއެވެ. އެހެން ނަމަވެސް ސުކޫލް ދައުރުގައި މިފަދަ ކަންތައްތައް ނުކުރާ މީހަކު ވެސް މަދުވާނެއެވެ.

އަހަރެންގެ ސުވާލެއް އެބައޮތެވެ. ސުކޫލް ދައުރުގައި ގަޑި ކަޓުވަން ތިބާ ކުރީ ކީއްހެއްޔެވެ؟

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!