ތައުބާވެ އެކުށެއް ތަކުރާރު ނުކުރާނެކަމަށް ﷲގެ ހަޟްރަތުގައި ވައުދުވެފައިވާ ކުށެއް ކުރެވިއްޖެ ނަމަ ހަދާނީ ކިހިނެއް؟
އަހަރެމެންނަކީ އިންސާނުންނެވެ. ޝައިތާނާގެ ނުބައި ވަސްވާހުގައި ޖެހި ކުއްތަކަށް އަރައި ގަތުމަކީ ކޮންމެ އިންސާނެއްމެ ކުރާ ކަމެކެވެ. ބައެއް ފަހަރު މި ކުރެވެނީ ކުށެއްކަން އެނގި ތިބޭ ހާލުގައެވެ. އަނެއްބައި ފަހަރު ތިމާ އަށް މި ކުރެވެނީ ކިހާ ނުބައި ކަމެއްކަން ނޭނގި ތިބެއެވެ. ނަމަވެސް ކުރެވުނީ ކުށެއްކަން ތިބާއަށް އެނގޭ ހިސާބުން ތަޢުބާ ލަސްކުރާނެ ކަމެއް ނެތެވެ. އެކަލާނގެ މަގަށް އެނބުރި ރުޖޫޢަވެ ތައުބާވުމުގެ ފުރުސަތު ނަގާނުލާށެވެ.
ނަމަވެސް ހިތާމައަކީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ތައުބާވެ ކުށެއް ނުކުރުމަށް ވަޢުދު ވެފައި ވެސް ދުނިޔޭގެ ހަވާނަފްސަށް ހެއްލި އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު އެކުށް ތަކުރާރު ކުރާ ކަމެވެ. އަދި އެފަދަ މީހުންނަށް ޤަބޫލު ކުރެވޭ ގޮތުގައި ދެން އެކަލާނގެ އެ އަޅެއްގެ ތައުބާ ޤަބޫލު ނުކުރައްވާނެތެވެ. ނަމަވެސް އެކަލާނގެ އެއީ ތައުބާ ޤަބޫލު ކުރައްވާ ރަސްކަލާނގެއެވެ. އެހެންކަމުން އެ ކުށަށް އަނެއްކާ ވެސް ތައުބާ ވާށެވެ. ތައުބާ ވުމަށް ތިބާ އަށް ލިބިފައި އޮތީ އެންމެ ފުރުސަތެއް ނޫނެވެ. ތިބާ ދުނިޔޭގައި ހުރުމަށް ލާ ކޮންމެ ނޭވާ އަކީވެސް އެކަލާނގެ މަގަށް ރުޖޫޢަ ވުމުށް ތިބާ އަށް ދެއްވާފައިވާ ފުރުސަތެކެވެ. މި ފުރުސަތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަކީ ތިބާގެ އިޚްތިޔާރެކެވެ.
އެކުވެރިޔާ އެވެ. އެކަލާނގެއީ ތައުބާ ޤަބޫލު ކުރައްވާ ރަސްކަލާނގެ ކަމުގައި ހިތައި ކުށް ކުރުމުގައި ދެމި ނުތިބޭށެވެ. އެހެނީ ތިބާގެ ފަހު ނޭވާ ދޫކުރާނެ ވަގުތަކީ ތިބާއަށް އެނގިގެންވާ އެއްޗެއް ނޫނެވެ. ކުށެއް ތަކުރާރު ނުކުރާނެކަމަށް ﷲ ގެ ހަޟްރަތުގައި ވަޢުދުވެފައި އަނބުރާ އެ ކުށް ތަކުރާރު ކުރެވުނު ކަމުގައި ވިޔަސް ތައުބާ ވާށެވެ. ﷲ އަށް ބިރުވެތިވެ ކުރެވުނު ކުށާމެދު ދެރަވެ ލަދުވެތިވާ ހާލު ވެވޭ ތައުބާ އެކަލާނގެ ޤަބޫލު ކުރައްވާނެތެވެ. އެއް ކުށަކަށް ހާސް ފަހަރު އަރައި ގަނެވުނަސް ތައުބާގެ ދޮރެއް ބަންދެއް ނުވެއެވެ.
އެހެންކަމުން މާޔޫސް ނުވާށެވެ. ތައުބާގެ ދޮރު ވަނީ ތިބާއަށް ޓަކައި އަބަދުވެސް ހުޅުވިފައެވެ.