ރިޕޯޓް

ކާނެ ފަދައެއް ނެތި ނޭޕާލްގެ ހަތްމީހަކު ހާލުގައި ޖެހިފައި ، އެދެނީ ކަރަންޓީނު ފެސިލިޓީއަކަށް ނަމަވެސް ގެންގޮސްދިނުން

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19އާއި ގުޅިގެން ފުރަބަންދު ކުރުމާއެކު ވިޔަފާރިތައް ހުއްޓި އިގްތިސާދު ވަނީ އިނދަޖެހިފައެވެ. ރިސޯޓްތަކާއި ކުންފުނިތަކުން މުސާރަ ނުލިބޭ ގޮތަށް މީހުންނަށް ޗުއްޓީ ދިނުމާއި މުސާރަ ކުޑަކުރުންފަދަ އެތަކެއް ކަމެއް ދަނީ ހިނގަމުންނެވެ. މިއާއެކު ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަކީ މިކަމުގެ ތަކްލީފް އެންމެ ބޮޑަށް އުފުލާ އެއްބައެވެ. އެގޮތުންހަތް ނޭޕާލީއަކު ހާލުގައި ޖެހިގެން މާލޭގައި ދިރިއުޅެމުންދާ ކަމަށް "ދެން" އަށް އެނގިފައިވެއެވެ.

Ads by MWSC

މި ހަތް މީހުން މަސައްކަތް ކުރާ ތަނުން އެމީހުންނަށް މުސާރަ ނުދޭތާ ތިން މަސްވުމާއެކު އެމީހުން ވަޒީފާ ދޫކޮށްލީ ، އެހެން މަސައްކަތެއް ލިބިދާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް އެމީހުންނަށް މުސާރަ ނުދިން ވެރިމީހާ އެމީހުން ތިބި ތަނުން ވެސް ނެރެލިއެވެ. އެންމެފަހުން މަގުމަތިވި މި މީހުންނަށް އެހީތެރިވެދިނީ އެގައުމުގެ މީހުން ކޮޅެކެވެ.

އޭގެ ތެރެއިން އެކަކު ''ދެން''އަށް މަޢުލޫމާތު ދެމުން ބުނީ އޭނާއާއި ބައެއް އެކުވެރިންގެ ބައިވެރިވުމާއެކު އެމީހުން މިހާރު ބައިތިއްބާފައި ތިބީ މާފަންނުގެ ގެސްޓްހައުސްއެއްގައި ކަމަށާއި ނަމަވެސް އެމީހުން އަތުން ވެސް ފައިސާ ހުސްވަމުން ދާ ކަމަށާއި އެމީހުންނަށް އެހީތެރިވުމަށް އާދޭހާއެކު އެދޭ ކަމަށެވެ.

"އެމީހުން ހާލުގައި ޖެހިގެން އުޅޭކަން އެނގުނީމަ އަހަރެން ގޮސް އެމީހުންނާއި ބައްދަލު ކުރިން. އެމީހުން ބުނީ ކާއެއްޗެއް ނުލިބޭތާ ހަތަރު ދުވަސް ވެއްޖެ ކަމަށާއި ފެން ބޮއެގެން ތިބި ކަމަށް. އެހެންވެ އެދުވަހު އަހަރެން އެމީހުންނަށް ބައެއް ކާބޯތަކެއްޗާ ފައިސާ ދިނިން. މި ޙާލަތުގައި އަހަންނަކަށް ވެސް ގިނަ ފައިސާއެއް ނުދެވުނު" ނޭޕާލްގެ ރައްޔިތަކު ބުންޏެވެ.

ކާނެފަދައެއް ނުލިބި ތިބި މިހަތް މީހުންގެ އެދުމަކީ އެމީހުން ކަރަންޓީން ފެސިލިޓީއަކަށް ނަމަވެސް ގެންގޮސްދިނުމެވެ.އަދި އެމީހުންނަށް އެހީތެރިވަމުންދާ މީހުންގެ އާދޭހަކީ ވެސް އެ ހަތް މީހުންނަށް ގޮތްތަކެއް ހޯދައިދިނުމެވެ.

"އަހަރުމެން ވެސް މިއަންނަނީ ވީވަރަކުން އެހީވަމުން، އެހެން ނަމަވެސް އަހަރެމެންގެ އަތުން ވެސް މިދަނީ ފައިސާ ހުސްވަމުން، އެމީހުންގެ ޕާސްޕޯޓެއް ވެސް ނެތް، އެހެން ނޫނަސް ލޮކްޑައުންގެ ސަބަބުން އެމީހުން ތިބީ އެނބުރި ޤައުމަށް ވެސް ނުދެވިފައި. ސަރުކާރުގެ ވަރަށް ގިނަ ތަންތަނަށާއި އެހެނިހެން ތަންތަނަށް ވެސް އަހަރެން ގުޅައިފިން އެހީވޭތޯ. ނަމަވެސް އަދި އެއްވެސް ތާކުން އެހީތެރިކަމެއް ނުލިބޭ. އެމީހުން އެދެނީ ޤައުމަށް ފޮނުވާ ދެވެން ނެތް ނަމަވެސް، ކަރަންޓީނު ފެސިލިޓީއަކަން ވިޔަސް ގެންދިޔުމަށް" މައުލޫމާތު ދިން މީހާ ބުންޏެވެ.

އަހަރެމެންގެ މަސައްކަތްތަކަށާއި އަހަރެމެންގެ ޚިދުމަތްތަކަށް ގެނެސްފައި ތިބި ބިދޭސީންގެ ތެރެއިން އެތައް ބަޔަކު ދަނީ ޙާލުގައި ޖެހި ގޮތް ހުސްވަމުންނެވެ. މުސާރަ ނުލިބި ކުރާނެ މަސައްކަތެއް ނެތި ކާނެ ބޯނެފަދައެއް ނެތް ޙާލަތަށް ބައެއް މީހުން ހިނގައްޖެއެވެ. މިފަދަ މީހުންނަށް ކުޑަމިނުން ކާއެތިކޮޅެއް ނަމަވެސް ދިއްކޮށްލަމާތޯއެވެ. އެމީހުންނަށް ވެވެން އޮތް އެހީތެރިކަމެއް އޮތްތޯ ބަލާ އެކަމުގައި މަދަދު ވެރިވަމާ ހެއްޔެވެ؟

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!