ލައިފްސްޓައިލް

ފިރިހެނަކު މި ކައިރި ކުރީ އޭ ބުންޏަސް ނަމަނަމަ ގަބޫލު ނުކުރާތި، އަދި އެ ހޭލީ ކަމަށް ވެސް ވެދާނެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިއީ ދައްކަން މިހާރު ލަސް ވެސް ވެފައި އޮތް ވާހަކައެކެވެ. އަންހެން ކުދިން ލަސްވާ ވާހަކަ އަކީ ޒަމާނުއްސުރެ ފިރިހެނުން އެ މީހުންނަށް ދިމާކުރުމުގެ ގޮތުން ދައްކާ ވާހަކަ ތަކެކެވެ. އަންހެނަކު ގޮވައިގެން ތާކަށް ދާން ވެއްޖެ ނަމަ އެތައް އިރަކު އިންތިޒާރުގައި މަޑު ކުރަން ޖެހޭ ވާހަކަ ދައްކައި ދައްކައި މިހާރު ބައު ވެއްޖެއެވެ. ނުދައްކާ ވާހަކަ އަކީ ފިރިހެނުން ވެސް ތަތް ވާހަކައެވެ. ފިރިހެނުން ވެސް ތައްޔާރުވާން ގިނައިރު ނަގާ ވާހަކައެވެ.

Ads by STELCO

ފެންވަރަން ފާހާނާއަށް ވަދެ 2 ގަޑިއިރު ވަނީ އަންހެން ކުދިން އެކަންޏެއް ނޫނެވެ. މިހާރު އުޅޭ ބައެއް ޒުވާން ފިރިހެން ކުދިން ވެސް ހަމަ އެވަރެެވެ. ފެންވަރަން ވަދެއްޖިއްޔާ 2 ގަޑިއިރު ވެސް އޮންނަނީ މަދު ވެފައެވެ. ކުރިން ދުވަހަކު ވެސް ރައްޓެއްސަކު ފެންވަރައިގެން މި ގުޅަނީ އޭ ބުނުމުން އެ ގޭ ތިރީގައި އަހަރެން މަޑު ކޮށްލައިފީމެވެ. ދެލޯފުޅާ ރަންކޮޅާ! ބުނާކަށް 2 ގަޑިއިރަށްވުރެ ގިނައިރު ވީ އިރުވެސް އޭނާ ތިރިއަކަށް ނުފައިބައެވެ. އޭނާ ފޭބީ ބަރާބަރު 2 ގަޑިއިރާ 20 މިނެޓު ފަހުންނެވެ.

ބޭއިހްތިޔާރުގައި އަހަންނަށް އަހާލެވުނީ، ތިޔަ އައީ ފާހާނާގެ ތަށިމުށި ބަދަލު ކޮށްފައި ތޯއެވެ. ނުވަތަ ތިޔަ އުޅެނީ ވަޅުގައި ހުރި ހުރިހާ ފެނެއް ހުސްކުރަން ނަދުރެއް ބުނެގެން ހެއްޔޭއެވެ، އޭނާ ބުނީ ލަސް ނުވާ ކަމުގައެވެ. އަހަރެން ކަންތައް ބޮޑުކުރަނީ ކަމުގައެވެ. ދެން ފަހެ އަހަރެން ބުނާނީ ކީކޭ ހެއްޔެވެ. ދައްކަން އޮތީ ކޮން ވާހަކައެއް ހެއްޔެވެ.

އަދި ފާހަގަވާ އެހެން ކަމެއް ބުނެލާނަމެވެ. ތާކަށް ދާން ވެއްޖެނަމަ އެންމެ މަދުވެގެން ވެސް ބައިފުޅި ސެންޓު މިމީހުންނަށް މިހާރު ބޭނުން ވެއެވެ. މީހަކު ހައިރާނެއް ނުވާނެ ހެއްޔެވެ. ސެންޓު ޖަހާލާފައި ހުންނަ ވަރުން ކައިރީގައި ހުންނަ މީހެއްގެ ނޭފަތް ވެސް ހުންނާނީ އެއްވަސް ވެފައެވެ. މިއީ އަޅެ ސެންޓު އުފައްދާ ކާރުހާނާއެއް ނޫން ވިއްޔާއެވެ.

ކުރިން ދުވަހު ވެސް ވަރަށް އެހެން ކަހަލަ ކަމަކާ ދިމާވެއްޖެއެވެ. ރައްޓެއްސަކާއެކު ޕާޓީއަކަށް ދާން ނިންމައިފީމެވެ. އެއީ އަހަރެމެން ދެމީހުންނާއެކު އެއްކޮށް ކިޔެވި ކުލާސް ކުއްޖެއްގެ ކައިވެނި ޕާޓީއެވެ. އަހަރެންގެ ގާތުގައި އެކުވެރިޔާ އެދުނީ ސީދާ 8:30އަށް ތައްޔާރުވެގެން ހުންނާށެވެ. އަހަރެން ހުރީ ތައްޔާރު ވެގެންނެވެ.

ބުނެފައި އޮތް ގަޑިޖެހި ދިޔައިރުވެސް އޭނާގެ ޚަބަރެއް ނުވިއެވެ. އަހަރެން 8:40 ވުމުން އޭނާއާ ގުޅާލައިފީމެވެ. އޭނާ ފޯން ނަގާފައި ބުނީ މިދަނީ ކަމުގައެވެ. އެހެން ނަމަވެސް އޭނާގެ އަޑުން ހީވަނީ ދެންމެ ނިދާ ހޭލިހެންނެވެ. "މިދަނީ ބްރޯ، ފައިބާ" މިހެން ބުނުމަށްފަހު ކޮންމެއަކަސް މީނާ ފޯނު ބާއްވައިފިއެވެ.

އަހަރެން ތިރިއަށް ފޭބީ 9 ޖެހިއިރުއެވެ. އޭނާއަށް އާދެވުނުއިރު ގަޑިން 9:35 ވެއްޖެއެވެ. އަހަރެންނަށް އޭނާ ފެންނަ އިރަށް އެއައީ ހަމަ ދެންމެ ނިދާ ހޭލައިގެން ތައްޔާރު ވެގެންކަން އެނގުނެވެ. އެހެންކަމުން އޭނާއާ ދިމާއަށް އެއްޗެހި ކިޔައިފީމެވެ. އެންމެ ފަހުން އޭނާއަށް ނިދުނީ ކަމަށާއި މި ކައިރިކުރީ އޭ ބުނީ އެނދުމަތީ އޮވެ ކަމަށް އޭނާ އެއްބަސް ވެއްޖެއެވެ. ކުރާނީ ވަކި ކީއްހެއްޔެވެ. މިއީ އަދުގެ ހާލަތެވެ.

އަހަރެން ވެސް ހިމެނޭ ގޮތަށެވެ. މިއަދުގެ ޒުވާން ފިރިހެން ކުދިންނަކީ އަވަސް ބައެކޭ ބުނެވޭކަށް ނެތެވެ. ނަމަވެސް މަދު މީހަކު އަވަސް ނޫނެކޭ އެއް ނޫނެވެ. ވަރަށް އަވަހަށް ތައްޔާރުވެ ގަޑިއަށް ފަރުވާތެރިވާ މީހުންވެސް އުޅޭކަން އަަހަންނަށް ވެސް އެނގެއެވެ.

އަންހެނަކު މި ފައިބަނީއޭ ބުނީމާ ގަބޫލު ނުކުރައްޗޭ އަހަރެން ކުރިން ބުނީމެވެ. ހަމަ އެބީދައިން ފިރިހެނަކު މި ކައިރިކުރަނީއޭ ބުންޏަސް ނަމަނަމަ ގަބޫލު ނުކުރައްޗެވެ. އަދި އެއޮތީ ނިދާ ތަންމަތީގައި ކަމަށްވުން ވަރަށް ގާތެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!