ކޮވިޑަށް ފަރުވާދޭ ތަނެއްގެ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލް ސަރުކާރަށް 3 މަސް ދުވަހަށް ދީފި
ކޮވިޑް-19 އަށް ފަރުވާދޭ ހޮސްޕިޓަލެއްގެ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލް ސަރުކާރަށް ތިން މަސް ދުވަހަށް ދޭން އެއްބަސްވުމެއްގައި ސޮއިި ކޮށްފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް-19 އޮޕަރޭޝަންގައި ޓްރީޓޮޕް ހޮސްޕިޓަލް ބޭނުންކުރުމަށް އެހޮސްޕިޓަލް ސަރުކާރާއި ހަވާލުކުރަން މީގެ ކުރިންވެސް ނިންމާފައިވާކަމަށާއި، އެއާއެކު ސަރުކާރާއި ޓްރީޓޮޕް ހޮސްޕިޓަލާއެކު ކުރެވުނު މަޝްވަރާގައި ބޭނުންޖެހިއްޖެ ހިނދެއްގައި ސަރުކާރަށް އެތަން ހަވާލުކުރުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައިވާކަމަށެވެ.
މިއެއްބަސް ވުމުގެ ދަށުން މިވަގުތަށް ތިން މަސްދުވަހަށް އެ ހޮސްޕިޓަލު ބޭނުންކުރުމަށް ސަރުކާރުން ތަނުގެ މެނޭޖްމަންޓްގައި އެދިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ތަން ހަވާލުކުރުމުގެ އިންތިޒާމްތައް އެހޮސްޕިޓަލުން ފަށާފައިވާކަމަށާއި، މިހާރު އެތަނުގައި މިވަގުތު ފަރުވާދެމުންދާ މީހުން ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ކުރިވެގެންދާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
"ސަރުކާރުން ޓްރީޓޮޕް ހޮސްޕިޓަލް ބޭނުންކުރުމަށް މިހާރުވަނީ އެދިވަޑައިގެންފައި. އަދި މިކަމާއި ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލުން މިހާރުދަނީ އިންތިޒާމުތައް ހަމަޖައްސަމުން. މިކަމާގުޅޭ އެނައުންސްމަންޓެއް އެބޭފުޅުން މާދަމާ ނެރުއްވާނެ މިކަމާއި ގުޅިގެން އެބޭފުންގެ ޚިދުމަތްތައް ކުރިއަށްގެންދާނެ ގޮތާއި ގުޅޭގޮތުން" މަބްރޫކް ވިދާޅުވިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލަކީ އަމިއްލަ ފަރާތަކުން ރާއްޖޭގެ ސިއްޙީދާއިރާ ފުޅާކުރުމަށް ހިންގި އެންމެބޮޑު އެއް އިންވެސްޓްމަންޓެވެ. ރާއްޖޭގައި ފުރަތަމަ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލުގެގޮތުގައި ހުޅުމާލޭގައި ތަރައްޤީކުރި ޓްރީޓޮޕް ހޮސްޕިޓަލަކީ އަށްޑިހަ މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެކެވެ. ޓްރީޓޮޕް ހޮސްޕިޓަލަކީ މި ސަރަހައްދުގެ އެންމެ ފެންވަރުރަގަޅު ހޮސްޕިޓާތަކާ އެއްފެންވަރެއްގެ ޚިދުމަތްތަކެއް ދެމުންގެންދާ ހޮސްޕިޓަލެކެވެ.