ރިޕޯޓް

ގޯހީ ބިދޭސީ މަސައްކަތްތެރިޔާ އެއް ނޫނެވެ. އަހަރެމެންގެ ވިސްނުމެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އާދައިގެ މަތިން މިއަދު ވެސް ހެނދުނު ފޭސްބުކަށް ވަދެލައިފީމެވެ. ފޭސްބުކްގައި އެކިފަރާތްތަކުން ކޮށްފައިވާ ޕޯސްޓުތައް ބަލަމުން ދަނިކޮށް ފެނުނީ އެންމެ ހިތްހަމަ ޖެހޭ މަންޒަރެއް ނޫނެވެ. ވަރަށް ވިޔާނުދާ ބަސްތަކެއް ހިމެނޭ ޕޯސްޓެކެވެ.

Ads by Sosun Fihaara

އެ ޕޯސްޓުގައި ފެނިގެން ދަނީ ބިދޭސީ މަސައްކަތްތެރިއަކު ސުކޫލެއްގެ ޔުނީފޯރމެއް ލައިގެން ހުރި މަންޒަރެވެ. އަދި އެ ޕޯސްޓުގެ ކެޕްޝަނެއްގެ ގޮތުގައި "ށ.މިލަންދޫ ސުކޫލުގައި ކިޔަވަމުން އަންނަ ބަނގްލަދޭޝްގެ ތުއްތު ކުއްޖެއް" މިހެން ޖަހާފައި އޮތެވެ.

އެ ޕޯސްޓު ފެނުމުން އަޅުގަނޑުގެ ގާތަށް ނުހަނު ރުޅި އައެވެ. އެހާމެ ލަދު ވެސް ގަތެވެ. އަޅުގަނޑުމެންނަކީ އިސްލާމުންނެވެ. އަޅުގަނޑުމެންގެ އިސްލާމްދީނުގައި އެކަކު އަނެކަކަށް އިހްތިރާމް ކުރުމަށް އަންގަވާފައިވެއެވެ. އެކަކު އަނެކަކަށް މަލާމާތް ކުރުމަކީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަމެކެވެ. އެހެނީ އަޅުގަނޑުމެން އެންމެންނަކީ ވެސް އިންސާނުންނެވެ. އެކަކު އަނެކެއްގެ އިހްސާސްތަކަށް އަޅުގަނޑުމެން އިހްތިރާމް ކުރަން ޖެހެއެވެ. އެކަކު އަނެކަކާ ހަނގާ ކުރުމަކީ ލަދުވެތި އަމަލެކެވެ.

އެ ބިދޭސީ މީހާގެ ފޮޓޯ ފެނުމުން އަޅުގަނޑުގެ ހިތަށް ފުން އަސަރެއް ކުރެވުނެވެ. އޭނާގެ ވެސް އުއްމީދުތަކެއް ހުންނާނެކަން އަޅުގަނޑަށް ޔަގީނެވެ. އޭނާ ވެސް ހުވަފެންތަކެއް ދެކޭނެކަން އަޅުގަނޑަށް ގައިމެވެ. އޭނާ އަކީ ޅަފަތުގައި ތައުލީމް ހާސިލު ކުރުމުން މަހްރޫމް ވެފައިވާ މީހެއް ނޫންކަން އަޅުގަނޑުމެންނަށް އެނގެނީ ކިހިނަކުން ހެއްޔެވެ. އަމިއްލަ އާއިލާއާ ދުރުގައި މުޅިން އެހެން ގައުމަކަށް އައިސް އޭނާ އުޅެމުން އެދާ ހާލު އަޅުގަނޑުމެންނަށް އިހްސާސް ކޮށްލެވޭނެ ބާވައެވެ.

އެ ބިދޭސީ މަސައްކަތު މީހާގެ ސަބަބުން އަޅުގަނޑުމެންނަށް ވާ ފަސޭހަ އަޅުގަނޑުމެން އަންދާޒާ ނުކުރަނީ ކީއްވެގެން ބާވައެވެ. އަޅުގަނޑުމެން އޭސީ ކޮޓަރިތަކުގައި މިއަދު މި ތިބެވެނީ އެ ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ނޫން ހެއްޔެވެ. އަޅުގަނޑުމެން ދިވެހީންނަކީ މީގެ ކުރިން މުރާލިކަމުގެ ނަމޫނާއެއް ނަމަވެސް މިއަދު ދިވެހީންނަކީ އިންތިހާއަށް ކަންނެތް ބަޔެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ކުނި އުކުމާއި، އިމާރާތް ކުރުމާއި، މަގުތައް ސާފު ކުރުމާއި ޖަންކްޝަން ކޮނުމާއި މިހެން ގޮސް ހުރިހާ މަސައްކަތެއްގައި އުޅޭތަން ފެންނަނީ އެ ބިދޭސީ މަސައްކަތްތެރީންނެވެ. އެހެން ނަމަވެސް އެ ބިދޭސީ މަސައްކަތްތެރީންނާ ދިމާއަށް އަޅުގަނޑުމެން އަދިވެސް ކިޔަނީ އެއްޗިއްސެވެ. ކުރަނީ ހަނގާއެވެ. މަލާމާތެވެ. އެމީހުންނަކީ ދަށް ބައެއްގެ ގޮތުގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ހީވެފައި އޮންނަ އޮތުމަކީ ރަނގަޅު ހީވުމެއް ހެނެއް އަޅުގަނޑަކަށް ހިޔެއް ނުވެއެވެ.ހިޔެއް ނޫނެވެ. ޔަގީނެވެ.

މިއަދު މީސްމީޑިއާއިން އަޅުގަނޑަށް އެ ފެނުނު ފޮޓޯގައިވާ ބިދޭސީ މަސައްކަތްތެރިޔާ އެ ޔުނީފޯރމް ލައިގެން އެހުރި ސަބަބަކީ ކޮބައިކަން އެ ޕޯސްޓު ކުރި މީހާއަށް އެނގޭ ބާވައެވެ. އެ ޕޯސްޓު ކުރި މީހާއަށް އެ ހާލުގައި ބީރައްޓެހި ގައުމެއްގައި އުޅެން ޖެހިއްޖެ ނަމަ ކުރެވޭ އިހްސާސް އެނގޭ ބާވައެވެ. އާނއެކެވެ. ފެން ބޮވައިގަނެގެން ހާންތިވާން ކައިރިވުމުން އަޅުގަނޑުމެން ކަރުހިއްކުން ފިލުވުމަށް ކޮންމެ އެއްޗެއް ވެސް ބޯނެއެވެ. ބަނޑުހައިވެގެން ހަލާކުވާ ހާލު އަޅުގަނޑުމެން ކޮންމެ އެއްޗެއް ވެސް ކާނެއެވެ. އަދި އުނު އޮރިޔާން ނިވާވާން ނެތް ހާލުގައި އަޅުގަނޑުމެން ކޮންމެ އަންނައުނެއް ވެސް ލާނެ ނޫން ހެއްޔެވެ.

ނިކަން ވިސްނާލަ ބަލާށެވެ. ތިބާގެ ގޭގެ އަލަމާރި ފުރެންދެން އަންނައުނު ހުރެދާނެއެވެ. ތިބާ ބޭނުން ވެއްޖެ ނަމަ ތިބާއަށް މިރޭ ގޮސް ވެސް އައު ހެދުމެއް ގަނެވިދާނެއެވެ. އައު ގަމީހެއް އައު ޓީޝާޓެއް ގަނެވިދާނެއެވެ. ތިބާގެ އަތުގައި ފައިސާ އެބަހުއްޓެވެ. ނަމަވެސް އެ ބިދޭސީ މަސައްކަތްތެރިޔާއާ ދޭތެރޭ ތިބާ ވިސްނާލިން ހެއްޔެވެ، އެ ބިދޭސީ މަސައްކަތްތެރިޔާ އަކީ ކުޑަ އުޖޫރަ އަކަށް ބުރަ މަސައްކަތްތަކެއް ކޮށްދޭ މީހެކެވެ. އޭނާގެ މުސާރައިގެ ބޮޑުބައެއް ފޮނުވަނީ އޭނާގެ ގައުމަށެވެ. އޭނާގެ އާއިލާއަށެވެ. އޭނާގެ އަތުގައި ރީތި އަންނައުނެއް ނުހުރެއެވެ.

އަދިވެސް އަޅުގަނޑުމެން ވިސްނާކަށް ނުވޭތޯއެވެ. އަޅުގަނޑުމެންގެ ވިސްނުން ބަދަލު ކުރާކަށް ނުވޭތޯއެވެ. އެ ޕޯސްޓު ކުރި މީހާއަށް އެވަރު ނުވިސްނުނީތީ އަޅުގަނޑު ދެރަވެއެވެ. މަދަރުސާގެ ޔުނީފޯރމެއް ލައިގެން ކިޔަވަން ގޮސް އޭނާ ހާސިލު ކުރި ތައުލީމުގެ ބޭނުމެއް އަޅުގަނޑަކަށް ނުފެނެއެވެ.

އަޅުގަނޑުމެން މިއަދު ވިސްނަން ޖެހެއެވެ. އަޅުގަނޑުމެން މިއަދު އަނެކުންނަށް މަލާމާތް ކޮށް ހަނގާކުރުން ހުއްޓާލަން ޖެހެއެވެ. އެހެނީ މައްސަލަ އަކީ ބިދޭސީ މަސައްކަތްތެރިޔާއެއް ނޫނެވެ. ޔުނީފޯރމެއް ވެސް ނޫނެވެ. އަހަރެމެންގެ ވިސްނުމެވެ.

Ads by HDC
  1. މުޙަންމަދު

    ހެޔޮ ވިސްނުން ދެއްވާށި!

  2. ހުސެން

    އަސްލުވެސްް މިި ކަހަަލަަ ކަންކަންް މީި ކުރަންް ހެޔްވާވަރުގެެ ކަމެއްނޫން