މަނަދޫއިން 15 މީހަކު އެކަހެރިކޮށްފި
ނ. މަނަދޫއިން 15 މީހަކު އެކަހެރިކޮށްފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ސިއްހީ ސަލާމަތަށްޓަކާ އެމީހާ އާއި ކޮންޓެކްޓްވި 15 މީހަކު އައިސޮލޭޓް ކުރުމުގެ އިތުރުން މަނަދޫ ސިއްހީ މަރުކަޒުގައި ބަލި މީހުން ބަލާ ގަޑިތަކަށް ވެސް މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ.
މަނަދޫ އިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އެ ރަށުން ފަރުވާ އަށް މާލެ އައިސްފައިވާ އުމުރުން 80 އަހަރުގެ އަންހެނެކެވެ.
މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެމީހާ އައިޖީއެމްއެޗް އަށް އައިސްފައިވަނީ ބަނޑުގައި ރިއްސާތީ ކަމަށާއި ބަލީގެ އަލާމާތަކާއި ގުޅިގެން ނޫން ކަމަށެވެ. ނަމަވެސް އައިޖީއެމްއެޗުގައި އޮންނަ އުސޫލުގެ ތެރެއިން އެމީހާގެ ސާމްޕަލް ނެގި ކަމަށާއި އަދި ފަރުވާ އަށްފަހު އެމީހާ ދެން ދިޔައީ ގެސްޓް ހައުސްއަކަށް ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.
"ގެސްޓް ހައުސް އަކަށް ދިޔަފަހުން އެމީހާގެ ނަތީޖާ އައިސްފައިވަނީ. ނަތީޖާ އައިއިރު ޕޮޒިޓިވް. އެއާއެކު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަރަށް ވަރުގަދަ އަށް އެބަކުރޭ. މާލޭގެ ކޮންޓެކްޓް ޓްރޭސިން އާއި އަދި މަނަދޫގެ ކޮންޓެކްޓް ޓްރޭސިން" އަފްޒަލް ވިދާޅުވިއެވެ.