ދުނިޔެ

ބައިޑަން ވެރިކަމަށް ވަޑައިގެން ފުރަތަމަ ކަމަކަށް ކުރައްވާނީ ޓްރަމްޕްގެ ފާރުގެ މަސައްކަތް ހުއްޓުވުން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން ވެރިކަމަށް ހުވާ ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ، އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަންޕް , އެމެރިކާ އަަދި މެކްސިކޯ ވަކި ކުރުމަށް އޮންނަ ބޯޑަރުގައި ހަދަމުން އަންނަ ފާރުގެ މަސައްކަތް ހުއްޓުވުމެވެ.

Ads by Sosun Fihaara

ބައިޑަން ވަނީ މިކަން ކެންޕެއިން ރެލީ ތަކުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ. އެމެރިކާ-މެކްސިކޯ ބޯޑަރުގައި ފާރެއް ރޭނުމަކީ 2016 ވަނަ އަހަރު ރައީސް ޓްރަންޕްގެ ކެންޕެއިން ވަޢުދެކެވެ. ނަމަވެސް ފާރު އިމާރާތް ކުރުމަށް ބޭނުންވާ ޚަރަދުތައް ޤާނޫން ހަދާ މަޖިލީހުން ނުދިނުމުން ޓްރަންޕަށް އެވަޢުދު ފުއްދޭ ގޮތް ވަނީ ނުވެފައެވެ.

ޓްރަންޕް ވަނީ މިދިޔަ އަހަރުގެ ތެރޭގައި ފާރު ރޭނުމަށް ބޭނުންވާ ޚަރަދުތައް ހޯދުމަށް އެމެރިކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރައްވާފައެވެ. 2016 ވަނަ އަހަރު ޓްރަންޕް ވިދާޅުވަމުން ގެންދެވީ ފާރު ރާނަން ޚަރަދު ކުރަން ޖެހޭނީ މެކްސިކޯ އިން ކަމަށެވެ. ނަމަވެސް ފަހުން ޓްރަންޕްގެ ވާހަކަތައް ވަނީ ބަދަލުކޮށްފައެވެ.

ފާރުގެ މަސައްކަތަށް މިހާތަނަށް އެމެރިކާގެ ބަޖެޓުން 15 ބިލިޔަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ. ބައިޑަން ބުނެފައިވަނީ ފާރުގައި މިހާރު އިމާރާތްކޮށްފައި ހުރި ވަރަށް ބަހައްޓަވާނެ ކަމަށާއި ނަމަވެސް ފާރު އިމާރާތް ކުރުމުގެ މަޝްރޫޢު ފުރަތަމަ ދުވަހު ހުއްޓާލަން އަމުރު ކުރާނެ ކަމަށެވެ.

މެކްސިކޯއިން ޤަވާއިދާ ޚިލާފަށް އެތެރެވާ ރެފިއުޖީން ކޮންޓްރޯލް ކުރުމަށް ކަމަށްބުނެ، ޓްރަންޕްވަނީ ފާރު ބިނާ ކުރައްވާނެ ކަމަށް އެކި ފަހަރުމަތިން ވަޢުދުވެ ވަޑައިގެންފައެވެ. ޓްރަންޕްގެ މިޚިޔާލުފުޅަށް ގިނަ ބައެއްގެ ފާޑު ކިޔުން މީގެ ކުރިން ވެސް ވަނީ އަމާޒުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!