ޚަބަރު

ކައުންސިލްތަކުގެ ދައުރު ދަންމާލުމުގެ ބިލު މަޖިލީހަށް ބަލައިގެންފި

ދެން އެމްވީ ، ދެން އޮންލައިން

ކައުންސިލްތަކުގެ ދައުރު ދަންމާލުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

Ads by STELCO

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި އެ ބިލަކީ މިހާރު ހިނގަމުންދާ ކައުންސިލުގެ ދައުރު އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހު ހަމަވާތީ އެކަމަށް ހައްލެއް ގެނެސް ދިނުމަށް ހުށަހެޅި ބިލެކެވެ.

އެގޮތުން މި ބިލު ބަލައިިގަތުމަސް ފާސްކޮށްފައިވަނީ 53 މެމްބަރުންގެ ވޯޓުންނެވެ. އަދި މި ބިލު ބަލައިގަތުމަށް ނުފެންނަކަމަށް ހަ މެމްބަރުން ވޯޓު ލައްވާފައިވެއެވެ.

އެ ބިލުގައި ބުނެފައިވަނީ މިހާރު ތިބި ކައުންސިލަރުން އައު ކައުންސިލެއް އިންތިހާބު ކުރެވެންދެން މަގާމުގައި ދެމި ތިބޭނެ ކަމަށެވެ. އެގޮތަށް އެކަން ނިންމީ ކައުންސިލް އިންތިހާބު ބާއްވަންޖެހޭ ދުވަހު ނުބޭއްވުމުގެ ސަބަބުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވެ ގާނޫނީ ހުސްކަމަކަށް އެ މަގާމުތައް ދާނެތީއެވެ.

އޭގައިވާ ގޮތުން މިހާރު ހިނގަމުންދާ ކައުންސިލްތަކަކީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން އިންތިހާބުކޮށްފައިވާ ކައުންސިލްތަކަށްވާ އިރު، ގާނޫނީ ހުސްކަމެއް ކުރިމަތިނުވެ، ގާނޫނުއަސާސީން ލާޒިމް ކުރާ ގޮތުގެ މަތިން ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވި، އާ ކައުންސިލްތައް އިންތިހާބުވުމާ ހަމައަށް މިހާރު ހިނގަމުންދާ ކައުންސިލްތައް ދެމިއޮވެގެން ކަމަށް ވެސް އެ ބިލްގައި ވަނީ ބުނެފައެވެ.

އެ ބިލުގައި އިތުރަށް ބުނެފައިވަނީ އެ މުއްދަތުގައި ކައުންސިލްތަކުން ނިންމާ ނިންމުންތަކަކީ ގާނޫނުއަސާސީއާ ގާނޫނުތަކުގައިވާ ގޮތުން މަތިން ފުރިހަމަ ބާރުވެރިކަން ލިބިގެން ނިންމާ ނިންމުންތަކެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!