ވެންޓިލޭޓަރުތައް ރާއްޖެއަށް ގެނައުމަށް ހަވާލު ކުރުމުގައި ކޮރަޕްޝަން ހިމެނޭތޯ ބަލަނީ
ކޮވިޑް-19އަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ރާއްޖެއަށް ގެނައުމަށް ހަވާލު ކުރުމުގައި ކޮރަޕްޝަނަށް އެކުލެވޭތޯ ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
ކޮމިޝަނުގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ ރޭ ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ އެ މައްސަލައަކީ އޭސީސީ ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ތަފްސީލެއް އެކަމުގައި ހާމަކޮށްފައި ނުވާނެ ކަމަށް ޝިއުނާ ވިދާޅުވިއެވެ. ވެންޓިލޭޓަރުތަކާއި ގުޅޭ ހުރިހާ މައުލޫމާތު ކަރުދާހެއް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
"މިވަގުތު އަޅުގަނޑަށް ދަންނަވަން އުނދަގޫ އަދި މީގައި އިސްލާހު ކުރަން ޖެހެނީ ކޮން ކަންތައްތަކެއްތޯ ނޫނީ މީގައި ކަނޑައެޅިގެން މިހާރުވެސް ކޮރަޕްޝަންގެ އަމަލުތަކެއް ހުރިތޯ. އެހެން މިވަގުތު އަޅުގަނޑަށް ދަންނަވަން ދަތި،" ޝިއުނާ ވިދާޅުވިއެވެ.
ވެންޓިލޭޓަރުތަކާއި ގުޅިގެން މައްޗަށްގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ކުރެއްވި ސުވާލުތަކަށް ލިޔުމުން ޖަވާބު ދެއްވާ މިނިސްޓަރު ވިދާޅުވެފައި ވަނީ ރުކާރުން ގެނައުމަށް ނިންމާފައިވާ 200 ވެންޓިލޭޓަރުގެ ތެރެއިން މި މަހުގެ ތެރޭގައި 38 ވެންޓިލޭޓަރު ގެނެވޭނެ ކަމަށެވެ.
އަމީން ވިދާޅުވީ ވެންޓިލޭޓަރުތައް އެންމެ ފުރަތަމަ ގެނައުމަށް ހަވާލުކުރީ އެސްޓީއޯ، މެޑްޓެކް އަދި ނާޑް ކިޔާ ކުންފުންޏަކަށް ކަމަށެވެ. އެ ތިން ކުންފުންޏަކީ ވެސް ހެލްތު މިނިސްޓްރީއަށް މީގެކުރިންވެސް ސިއްހީ ސާމާނުތައް ސަޕްލައި ކޮށްދީފައިވާ ކުންފުނިތައް ކަމަށް އަމީން ފާހަގަކުރެއްވިއެވެ.