ރާއްޖޭގައި ދޭން އުޅުނު ޓެރަރިޒަމް ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދަށް މުއްދަތު ޖަހައިފި
ޓެރަރިޒަމްގެ އަމަލާ ގުޅިގެން ހައްޔަރުކުރި ހަ މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
ފުލުހުން ވަނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ ޓެރަރިޒަމްގެ އަމަލެއްގެ މައުލޫމާތު އިންޓަލިޖަންސަށް ލިބިގެން އެކަން ހުއްޓުވާ އެ އަމަލު ހިންގަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރު ކޮށްފައެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރު ކުރި ހަ މިހުންގެ ތެރޭގައި 18 އަހަރުގެ ޒުވާނަކު ވެސް ހިމެެނެއެވެ. އޭނާއަށް ޖަހާފައިވަނީ 5 ދުވަހުގެ މުއްދަތެކެވެ.
އެ މައްސަލާގައި ދެން ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ. މި އެންމެންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެގޮތުން އެ މައްސަލައާ ގުޅިގެން ފުލުހުން އޮޕަރޭޝަނެއް ފަށާފައިވާ ވެއެވެ. ފުލުހުން ބުނީ މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މާލެއާއި މާލެ އަތޮޅު ކަނޑުމަތީ އަދި ތ. ތިމަރަފުށީގައި ކަމަށެވެ.
ރާއްޖޭގައި ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބު ކޮށްލާފައިވާކަން ފުލުހުން އިއުލާން ކުރީގެ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.