ޚަބަރު

ކުރިއަށް އޮތް 2 ހަފްތާގައި މާލޭގެ ހާލަތު ގޯސްވެދާނެ: ރައީސް

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ދެ ހަފްތާގައި މާލޭގެ ހާލަތު ގޯސްވެދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު ގައުމާ މުހާތަބު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19ގެ ޙާލަތު ވަޒަންކުރައްވާ ޞިއްޙީ ތަޖުރިބާކާރުން އަންދާޒާ ކުރައްވަނީ، ކުރިއަށް މިއޮތް ދެ ހަފުތާގެ ތެރޭގައި، މާލޭގައި މި ބަލީގެ ޙާލަތު، މިހާރަށް ވުރެ މައްޗަށް ދިޔުން އެކަށީގެންވާ ކަމެއް ކަމަށެވެ.

"އެހެންވީމާ، ކުރިއަށް މިއޮތް ދެ ހަފުތާއަކީ، އަޅުގަނޑުމެން ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭ ދެ ހަފުތާ. އެ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތްތަކުން، މި ބަލިން އަވަހަށް އަރައިގަތުމުގެ އުންމީދު ވަރަށް ބޮޑު" ރައީސް ވިދާޅުވިއެވެ.

މި ބައްޔަށް އިތުރު މީހުން މިވަގުތު ފައްސި ވިޔަސް، މި ބަލި ފެތުރުން ހުއްޓުވުމަށް މި ކުރާ މަސައްކަތް، އިރާދަ ކުރެއްވީތީ ކޮންޓްރޯލުން ނެއްޓިގެން ނުދާ ކަމަށާއި އަދި ޞިއްޙީ ޚިދުމަތްތެރިންގެ އުންމީދެއްވެސް ނުގެއްލޭކަން ރައީސް ފާހަގަކުރެއްވިއެވެ.

"ކޮވިޑް-19"ގެ ސަބަބުން، ރާއްޖެ މިވަނީ ވަރަށް ބޮޑަށް ޞިއްޙީ ޚިދުމަތްތެރިންނަށް ބޭނުންވެފައި ކަމަށާއި ޚިދުމަތުން ރިޓަޔަރކުރައްވައިގެން ތިއްބެވި، ވަރަށް ގިނަ ޞިއްޙީ ޚިދުމަތްތެރިން މިހާރުވެސް އެބަތިބިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ވަގުތީ ގޮތުން ޚިދުމަތާ ދުރަށް ޖެހިވަޑައިގެން އުޅުއްވާ ބައެއް ބޭފުޅުންވެސް އެނބުރި ޚިދުމަތަށް ވަޑައިގަންނަވަން އެދިލައްވާފައެވެ.

"ޤައުމު މިއަދު ތިޔަ ބޭފުޅުންގެ ޚިދުމަތަށް ނުހަނު ބޮޑަށް ބޭނުންވޭ" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދު 541 އަށް އަރާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 185 ދިވެހިންނާއި، 356 ބިދޭސީންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!