އެޗްޕީއޭގެ ވެބްސައިޓް ހެކް ކުރުމަކީ ހިންގި ވަރަށް ނާތަހުޒީބު އަމަލެއް: މުއިއްޒު
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ވެބްސައިޓް ހެކް ކުރުމަކީ ހިންގި ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިއްޔެ ބަޔަކު ވަނީ އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށް އިންޒާރުގެ ވީޑިއޯ މެސެޖެއް އާއްމުކޮށްފައެވެ. އެ މެސެޖުގައި އެކި ކަންކަން ކުރުމަށް ސަރުކާރަށް ޑިމާންޑްކޮށް، އެ ކަންކަން ނުކުރާނަމަ މިފަދަ އިތުރު ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.
މިކަމާ ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޗްޕީއޭގެ ވެބްސައިޓް ހެކް ކުރުމުގެ އަމަލަކީ އެޗްޕީއޭއަށް އަމާޒުކޮށް ހިންގި ނާތަހުޒީބު އަމަލެއް ކަމަށާއި އެފަދަ އަމަލުތަކުން ދުރުވުމަށް ގޮވާލާ ކަމަށެވެ.
"އެ އަމަލަކީ ކޮވިޑް އިން ގައުމު ސަލާމަތް ކުރުމަށް ފުރަތަމަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ބުރަ މަސައްކަތް ކުރަމުން އަންނަ ހެލްތު ސެކްޓާގެ މުވައްޒަފުންނަށް އަމާޒުކޮށް ވަކިން ހާއްސަކޮށް އެޗްޕީއޭ އަށް އަމާޒުކޮށް ހިންގި ނާތަހުޒީބު އަމަލެއް." މުއިއްޒު ވިދާޅުވިއެވެ.
HPA ge website hack kurumuge amalakee, Covid19 in qaumu salaamaikurumah furathama dhuvahun feshigen huttumehnethi bura masakkai kuramun anna health sector ge muazzafunnah amaazukoh, vakin khaassakoh HPA ah amaazukoh hingi naathahuzeeb amaleh. Mifadha kankamun dhuruvumah govaalan!
— Dr Mohamed Muizzu (@MMuizzu) May 3, 2020
އެޗްޕީއޭ ގެ ވެބްސައިޓް ހެކް ކުރުމަކީ ފިނޑި އަމަލެއް ކަމަށް، ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ވެސް ރޭ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ތަހުގީގީ އިދާރާތަކާ ގުޅިގެން މިކަން ތަހުގީގު ކުރާނެ ކަމަށާއި އެކަން ފެށިގެން މިހާރު ކުރިއަށް ދާ ކަމަށެވެ.