ޔޫކްރެއިންގައި ތިިބި 32 ދިވެއްސަކު ރާއްޖެ ގެންނަނީ
ލޮކްޑައުންގެ ސަބަބުން ރާއްޖެ ނާދެވިފައި ތިބި މީހުންގެ ތެރެއިން ޔޫކްރެއިންގައި ތިިބި 32 ދިވެއްސަކު ރާއްޖެ ގެނައުމު އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބުރޫކް ވިދާޅުވީ ޔޫކުރެއިންގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް ފުރުސަތު ހުޅުވާލުމުން 32 މީހަކު ރާއްޖެ އަންނަން ބޭނުންވާކަން އަންގާފައިވާ ކަމަށެވެ.
އެ މީހުންނަށް ރާއްޖެ އާދެވޭނެ މަގު މިހާރު ފަހިވެފައިވާ ކަމަށާ މިވަގުތު ޓިކެޓްގެ ކަންކަން ހަމަޖައްސަމުންދާ ކަމަށާ ޓިކެޓަށް ފައިސާ ދައްކަނީ އެމީހުން އަމިއްލައަށް ކަމަށް މަބުރޫކް ވިދާޅުވިއެވެ.
މަބުރޫކް ވިދާޅުވީ ސައުދީގައި ތިބި ދިވެހިން ކިޔަވާ ކުދިން ރާއްޖެ ގެނެވޭނެ ގޮތްތަކެއް ހަމަޖެހޭތޯވެސް މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ. މިހާތަނަށް އެކަން ނުކުރެވި ވަނީ ސައުދީން ރާއްޖެ އަންނަ ފްލައިޓެއް ނެތުމުން ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން ގައުމުތައް ލޮކްޑައުންކޮށް ވައިގެ ދަތުރުފަތުރު ހުއްޓާލާފައިވާއިރު އެކަމުގެ ސަބަބުން ގައުމަށް ނާދެވި ތިބި އެތައް ދިވެހިންނެއް ސަރުކާރުން މީގެ ކުރިންވެސް ވަނީ ރާއްޖެ ގެނައުމަށް އެހީތެރިވެދީފައެވެ.