ކުލި އެއްކޮށް ނުދެއްކުނު ނަމަވެސް ގެއިން ނުނެރެވޭ ގޮތް ހަދަން ސައީދު ހުށަހެޅުއްވި ބިލު އެޖެންޑާއެއް ނުކުރި
"ކޮވިޑް19 ގެ އެހީތެރިކަމުގެ ބިލް"ގެ ނަމުގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހަށް ހުށަހަޅެއްވި ބިލު އެޖެންޑާއެއް ނުކުރިއެވެ.
އެ ބިލު އެޖެންޑާ ނުކުރީ ގަވާއިދަށް ވެސް ނުފެތޭތީ ކަމަށް ބުނެއެވެ. އެ ބިލާއި ގުޅޭ ގޮތުން ދައުލަތުގެ ވާހަކަދައްކަވަމުން މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސައީދު ހުށަހެޅުއްވި ބިލުގައި ދިވެހި މާލިއްޔާއަށް އަސަރު ކުރުވާ މާއްދާތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން ނަޝީދު ވަނީ އަލުން އެ ބިލު އިސްލާހު ކުރުމަށްފަހު ހުށަހެޅުމަށް އެދިފައެވެ.
ސައީދު ހުށަހެޅުއްވި ބިލުގައި ވިދާޅުވެފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޭރު ދަތުރުފަތުރަށް ހުޅުވެންދެން، އަމިއްލަ ތަންތަނަށް، ކޮންމެ މަހެއްގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ 50 ޕަސެންޓަށް ވުރެ ބޮޑު ނޫން އަދަދެއް ނުދެއްކުމުގެ ސަބަބުން އެފަދަ ފަރާތެއް، ކުއްޔަށްދޫކޮށްފައިވާ ތަނަކުން ބޭރުކޮށްގެންނުވާނެ ކަމަށެވެ.
އެ މާއްދާގެ ދަށުން ނުދެއްކިވާ 50 ޕަސެންޓު ފައިސާ، ގޭގެ ވެރިފަރާތަށް ފަހުން ލިބޭނެ ގޮތަށް ވެސް އެ ބިލުގައި ވަނީ ހިމަނައިފަ އެވެ.
ބިލުގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައިސް، ބޭރުގެ ދަތުރުފަތުރަށް ވައިިގެ ބަނދަރު ހުޅުވާ ދުވަހުން ފެށިގެން 10 މަސް ދުވަހުގެތެރޭގައި ކުއްޔަށްދީފައިވާ ތަނުގެ ވެރިފަރާތަށް ދީ ހަލާސްކުރަންވާނެ ކަމަށެވެ.
ނަމަވެސް ކުއްޔަށްދީފައިވާ މުއްދަތުގެ ބާކީއޮތް މުއްދަތު 10 މަހަށް ވުރެ ކުޑަނަމަ، ފަސްކުރެވުނު ކުލި، ކުލީގެ ބާކީ މުއްދަތުގައި ދައްކާ ހަލާސްކުރަން ވާނެ ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނެފައިވަނީ ދައުލަތުން ޓެކުހެއް ނަގަން ޖެހޭ ނުވަތަ ރައްޔިތުންގެ އަތުން އިތުރު ފައިސާއެއް ނަގަން ޖެހޭނެ ނުވަތަ ދައުލަތުގެ މާލިއްޔަތުން ސީދާ ގޮތުން އެއްވެސް ފަރާތަކަށް ފައިސާއެއް ދޭން ޖެހިދާނެ ކަމެއް ނުވަތަ އުނި އިތުރެއް ގެންނަން ޖެހިދާނެ ކަމެއް ހިމެނޭ އެއްވެސް ބިލެއް ހުށަހެޅޭނީ ސަރުކާރަށް އެކަނި ކަމަށެވެ.
ސައީދުގެ ބިލު އަލުން ހުށަހަޅަން ބުނީ އެ ބިލުގައި އެފަދަ ކަންކަން ނުވަތަ މާއްދާތައް ހިމެނޭތީ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެ މާއްދާތައް އިސްލާހު ކުރުމުން މަޖިލީހަށް ބިލު ހުށަހެޅިދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ސައީދު ވަނީ ނަޝީދުގެ އެ ވާހަކަތަކާއި ދެކޮޅު ހައްދަވާފައެވެ. ވިދާޅުވީ މިއީ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ހާލަތެއް ނޫން ކަމަށެވެ. އަދި މިއީ މުޅިން ހާއްސަ ހާލަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.