ޚަބަރު

ކޮންމެ ގެޔަކަށް ދެވޭ ވަރަށް ކަދުރެއް ނެތް!

ދެން އެމްވީ ، ދެން އޮންލައިން

މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށް ސައުދީ އަރަބިއްޔާއިން ރާއްޖެ އަށް ހަދިޔާ ކޮށްފައި ވަނީ 50 މެޓްރިކް ޓަނުގެ ކަދުރު ކަމަށާއި މިއީ ރާއްޖޭގެ ހުރިހާ ގޭބީސީ އަކަށް ޕެކެޓެއް ދެވޭ ވަރަށް ވުރެ މަދު އަދަދެއް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.

Ads by Sosun Fihaara

އިސްލާމިކް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަހަރު ރާއްޖެއަށް ހަދިޔާ ކޮށްފައި ވަނީ ދެ ކިލޯގެ 25،000 ކަދުރު ޕެކެޓު ކަމަށެވެ. އެއީ 2500 ކަދުރު ކޭހެވެ.

މީގެ ތެރެއިން 50 ކޭސް ކަދުރު ބަހާނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ބެލުމުގެ ދަށުން ކަމަށާއި، ބާކީ 2450 ކޭސް ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީން އިން އޭޕްރިލް 14 ވަނަ އާންމު ކުރި އުސޫލުގެ ދަށުންނެވެ.

އެ އުސޫލުގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި އަދި ސިޓީއެއްގައިވެސް ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބީސީތަކުގެ ތެރެއިން ކަދުރު ބަލާ ހާޒިރުވާ ތަރުތީބުންނެވެ. އަދި މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީގެ ފަގީރުންގެ ދަފްތަރުގައި ރެޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބީސީއަކަށް އެއް ޕެކެޓް ކަދުރު ދޭނެ ކަމަށާއި ފަގީރުންގެ ގޭބީސީތަކަށް ކަދުރު ބެހުމަށްފަހު ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ ކަދުރު ބަލައި އަންނަ ފަރާތްތަކަށް އިސްކަންދޭ އުސޫލުން ކަމަށް އިސްލާމިކް މިނިސްޓްރީގެ އުސޫލުގައިވެ އެވެ.

އެގޮތުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ 2350 ގޭބީސީގެ ތެރެއިން ކޮންމެ ގޭބީސީ އަކަށް އެއް ޕެކެޓް ކަދުރު ދޭނެކަމަށް މިނިސްޓްރީ އިން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!