ޚަބަރު

އިންޑިއާގެ 9 ސިޓީއެއްގައި ތިބި 200 ދިވެހިން އަންނަ ހަފްތާގައި ރާއްޖެ ގެންނަނީ

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ 9 ސިޓީއެއްގައި ތިބި 200 ދިވެހިން އަންނަ ހަފްތާގައި ރާއްޖެއަށް ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ދިވެހިން ގެންނާނެ 9 ސިޓީއަކީ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމް އަދި ކޮޗިން ކަމަށެވެ.

އެމީހުން ރާއްހެ ގެންނާނީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި ކަމަށާއި ފްލައިޓް ދަތުރުކުރާ ރޫޓަކީ މާލެ – ދިއްލީ – ޓްރިވެންޑްރަމް – މާލެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ފްލައިޓް ޖައްސާ ދެ ސިޓީ ނޫން އެހެން ސިޓީތަކުގައި ތިބި ދިވެހިން، ފްލައިޓް ޖައްސާ ސިޓީތަކަށް ގެންދިޔުމުގައި ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލް އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

"މި ފްލައިޓްގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ފްލައިޓް ކެންސަލްވި ފަރާތްތަކާ، ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި، ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއަރޕޯޓްތަކަށް ދިޔުމަށް ދަތި ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި، ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން އަންނާނެ" ފޮރިން މިނިސްޓްރީން ބުނެއެވެ.

މި ފްލައިޓްއިން ދަތުރުކުރާ ފަރާތްތަކުން އަންނާނީ ޓިކެޓް ގަނެގެންނެވެ. ޓިކެޓިންގެ މަސައްކަތް ކުރިއަށްގެންދާނީ މޯލްޑިވިއަން އިންނެވެ.

މި ފްލައިޓްގައި އަންނަ އެންމެންވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރެވޭނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކުރިއަށް އޮތްތަނުގައިވެސް އިންޑިއާއަށް މިފަދަ ފްލައިޓްތައް ބާއްވާނެ ކަމަށާއި ހާލަތާ ގުޅޭ ގޮތުން ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!