ހަގީގީ ހާދިސާ ލައިފްސްޓައިލް

ހަގީގީ ހާދިސާ: އަހަރެން ދެރަވަނީ ލޯބި ނުލިބިގެނެއް ނޫން، އެކުވެރިއެއްގެ ސިފައިގައިވެސް އަހަންނަށް ތިބާ ގެއްލުނީތީ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

"މިއީ ސީދާ ލޯބީގެ ވާހަކައެއް ކަމެއް ނުވަތަ އެކުވެރިކަމުގެ ވާހަކައެއް ކަމެއް ސީދާ ބުނެދޭކަށް ނޭނގެއެވެ. ބުނެދޭން އެނގެނީ މިވާހަކައިގައި ލޯބިވެސް، އެކުވެރިކަން ވެސް އެކުލެވިގެންވާ ކަމެވެ.

Ads by STELCO

އަހަންނަކީ މާގިނަ އެކުވެރިންތަކެއް ހުރި މީހެއް ނޫނެވެ. އަހަރެންގެ އެކުވެރި މިޒާޖެއް ނެތިގެނެއް ނޫނެވެ. އެހެން މީހުންގެ މިޒާޖާއި އަހަރެންގެ މިޒާޖު ގިނަ ފަހަރަށް ނުގުޅެނީއެވެ.

މީހުން އެކަކު އަނެކަކާއި ވަރަށް އެކުވެރިކޮށް ވާހަކަ ދައްކާފައި އުޅޭތަނާއި ތަންތަނަށް ގޮސް ބައްދަލުކުރާތަން ވެސް އަހަންނަށް އެމީހުންގެ އިންސްޓަގްރާމް އާއި ފޭސްބުކް ސްޓޯރީން ވެސް ފެންނަމުން ދިޔުމުން އަހަރެންވެސް އެފަދަ އެކުވެރިއެއް ލިބުމަށް އެދެން ފެށީމެވެ.

އަހަންނަށް މިއަހަރު ކުރީކޮޅު އެފަދަ މީހަކާއި ދިމާވިއެވެ. ނަމަވެސް އިދިކޮޅު ޖިންސުގެ މީހެކެވެ. ސާދާ އަދި މަޖާ މިޒާޖެއްގެ ވެރިއެކެވެ. ދީނީ ކަންކަމަށް ވެސް ލޯބިކުރާ، ތެދުވެރި އަދި ދިރިއުޅުމާއިމެދު އެހާމެ ފުންކޮށް ވިސްނާ މީހެކެވެ. އޭނާއަކީ ކަންކަން ހަމައެކަނި ރާވާލާފައި ނިންމާ މީހެއް ނޫނެވެ. ރާވާ ކަންކަން ހަގީގަތަކަށް ވެސް ހެދުމަށް މަސައްކަތް ކުރާ މީހެކެވެ.

އަހަރެން ޤަބޫލު ކުރަމެވެ. އޭނަ އެންމެ ފުރަތަމަ ފެނުނު ދުވަހުވެސް އަހަންނަށް ބުނެދޭން ނޭނގޭ ކަހަލަ ގޮތްގަކެއް އިޙުސާސް ކުރެވުނެވެ. ކަންކަމާއި ބޮޑަށް ވާހަކަ ދެކެވެން ފެށުމުން ދެމީހުންގެ މިޒާޖުވެސް ވަރަށް އެއްގޮތްކަން އެނގެން ފެށުނެވެ. އޭނާވެސް ބުންޏެވެ. އަހަރުމެންގެ ޙިޔާލުތަކުގެ ތެރެއިން 99% ޙިޔާލު ވަރަށް އެއްގޮތެވެ. ވަރަށް ދިމާވެއެވެ.

އޭނައާއި ވާހަކަ ދައްކަން ވަރަށް ފަސޭޙަވިއެވެ. އޭނަ ދެކެ ލޯބިވެވިއްޖެކަން އެނގެން ފެށުމުން ދުރަށްދާން ބޭނުންވިއެވެ. ސަބަބަކީ ލޯތްބަކީ އަބަދުވެސް ހިތާމަދޭ އެއްޗެއްކަމަށް އަހަންނަށް ޤަބޫލު ކުރެވޭތީއެވެ. ނަމަވެސް އަހަރެން އޭނައާއި ދުރަށް ދާން ވާހަކަ ނުދައްކާ ހުންނަ ދުވަހެއްނަމަ އޭނާ އިސްވެ އަހަރެން ހޯދަން ފެށިއެވެ. ވެގެން އުޅޭ ގޮތެއްވެސް އަހާހެދިއެވެ. އެހެންކަމުން އަހަންނަކަށް އޭނައާއި ދުރަކަށް ނުދެވުނެވެ. ދެން ނިންމީ އެއިޙުސާސްތަކަށް އަޅާނުލާ އެކުވެރިއެއްގެ ގޮތުގައި އޭނާގާތު އޭނާއަށްޓަކައި އަބަދުވެސް ހުންނާށެވެ.

އޭނަވެސް އަހަރެން ދެކެ ލޯބިވާކަމަށް ޤަބޫލު ކުރެވެން ފެށިއެވެ. ނަމަވެސް އޭނަގެ ދިރިއުޅުން ހުރިގޮތް އަހަންނަށް ވިސްނޭތީ ދުވަހެއްގެ ކޮޅުން ވެސް އޭނާ ހާސިލް ކުރަން އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި، އޭނައަށް ދެރައެއް ގެއްލުމެއް ލިބޭނެ ކަމެއް ނުކުރާނެކަމަށް އަހަރެން އަމިއްލަ ނަފްސަށް ވައުދުވީމެވެ. އަހަރެން ނިންމީ ހަމައެކަނި އޭނަގެ އެކުވެރިއެއްގެ ގޮތުގައި ހުންނާށެވެ. ރަނގަޅު އެކުވެރިއެއްގެ ސިފައިގައި އަހަންނަށް އޭނާ ލިބެމުން ދިޔުމާއި އެވަގުތުތައް އަހަންނަށް ލިބެމުން ދިޔުމުން އެކަމަށް ޝުކުރު ކޮށްލައިގެން އަހަރެން ފުއްދާލައިގެން ހުރީމެވެ. ދިރިއުޅުން އެގޮތަށް ވެސް އުފާވެރިއެވެ.

ނަމަވެސް އުފަލަކީ ތާއަބަދުމެ އަހަރެންގެ ދިރިއުޅުމުގައި ހަރުލާފައި ހުންނަ އެއްޗެއް ނޫނެވެ. އުފަލަކީ އަހަރެންގެ ހަތުރެއް ފަދައެވެ.

އަހަރެން ލޯބިވާ މީހާ، އަދި އެއަށްވުރެ ބޮޑަށް އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ދެކެމުން ދިޔަ މީހާ، ބަދަލުވާން ފެށީއެވެ.

އޭނާ އަހަންނާއި ވާހަކަ ދައްކަމުން އައިވަރު މަދުވާން ފެށިއެވެ. އަހަރެން އޭނާއާއި ވާހަކަ ނުދެއްކިޔަސް ވެސް އޭނާއަށް ވަރިހަމަ ވާން ވެސް ފެށީއެވެ. އެހެންމީހުންނާއިއެކު އޭނާ މަޖާ ކުރަމުންދާ ތަނާއި، ކުރިން އަހަންނާއި ވާހަކަ ދައްކާ އުޅުނު ގޮތަށް އެހެން މީހުންނާއި ވެސް ވާހަކަ ދައްކަމުން ދިޔަ މަންޒަރު ފެންނަމުން ދިޔައެވެ. އެމަންޒަރުތަކުން އަހަރެންގެ ހިތް ކުދިކުދިވި ފަދައެވެ.

އަހަރެން އޭނާއާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުން ދިޔައީމެވެ. ނަމަވެސް އޭނާ އަހަންނަށް ފަހަކަށް އައިސް ސަމާލުކަމެއް ނުދެއެވެ. ޝަކުވާ ކޮށްފައި އަހަންނަށް މެސެޖުވެސް ކުރެވެން ފެށިއެވެ. ނަމަވެސް އެމެސެޖުތައް އޭނާ ކޮށްލީ 'ސީންޒޯން' އެވެ.

ނަތީޖާއެއްގެ ގޮތުން، ކުރިން އެހާމެ އެކުވެރިކޮށް އުޅުނު ދެމީހުން، މިހާރު ބީރަށްޓެހިންނަށްވީއެވެ.

އަހަރެން އަދިވެސް އޭނާއާއެކު ހޭދަ ކުރެވުނު ވަގުތުތައް ހަނދާންވެއެވެ. އެހަނދާންތަކުން އަހަރެންގެ ދެ ލޯ ނުތެމޭ ރެއެއް މަދުވާނެއެވެ. ލޯބި ނުލިބިގެނެއް ނޫނެވެ. ނުހަނު ގާތް އެކުވެރިއެއް ގެއްލުނީތީއެވެ.

ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ކެތްތެރިވުން ނޫން ގޮތެއް ނެތުމުން إن شاء الله ފަހުނޭވާ އާއި ޖެހެންދެން އަހަރެން ކެތް ކުރާނަމެވެ. އަދި إن شاء الله އޭނައަށް އަބަދުވެސް ހެޔޮ ދުޢާ ކުރާނަމެވެ."

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!