ސަރުކާރުން އެހީގެ ޕެކޭޖު ކަނޑައެޅީ މަޝްވަރާ ނުކޮށް: މަޓީ
ކޮވިޑް-19 ގެ ސަބަބުން ގެއްލުންވާ ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން އިއުލާންކުރި އިގްތިސާދީ އެހީގެ ޕެކޭޖް ކަނޑައެޅީ މޯލްޓިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)އާ މަޝްވަރާ ނުކޮށް ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.
ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ގޮންޖެހުންތަކާ ހެދި ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އެހީގެ ޕެކޭޖެއް އިއުލާންކޮށް، ވިޔަފާރިތަކަށް ލޯނު ދޫކުރަން ނިންމައިފަ އެވެ. އެގޮތުން ސަރުކާރުން އިއުލާނުކުރި ރިލީފް ޕެކޭޖުތަކުން ރިސޯޓުތަކަށް ހަތް މިލިއަނާ ހަމައަށް ލޯނު ނެގޭ ގޮތަށް ވަނީ ހަމަ ޖައްސާފަ އެވެ.
މަޓީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީއަށް އަންނާނެ ލޮޅުން ކަމަށް ސަރުކާރުން ކުރާ އަންދާޒާތައް ހަދާފައި ވަނީ ހަގީގަތަށް ބިނާކޮށް ނޫން ކަމަށެވެ.
އެގޮތުން ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރާ ވިޔަފާރިވެރިންނާއި އެކި ފަންތީގެ ފަރާތްތަކުން ދާއިރާއަށް ލިބޭނެ ގެއްލުން އަންދާޒާ ކުރާއިރު، އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް މަޓީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އަދި ފިޔަވަޅުތަކެއް ނާޅައިފި ނަމަ ޓުއަރިޒަމް ދާއިރާގެ ވިޔަފާރިވެރިން ބަނގުރޫޓުވެ، އެތައް ބައެއްގެ ވަޒީފާ ގެއްލި ކޭޝްފްލޯ މެނޭޖް ކުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް މަޓީއިން ވަނީ ބުނެފަ އެވެ. މަޓީގެ ބަޔާނުގައި ފާހަގަ ކުރި ގޮތުގައި ޓުއަރިޒަމް އިންޑަސްޓްރީ އިހު އޮތް މަގަށް ރުޖޫއަވުމަށް ދަތިތަކެއް ކުރިމަތިވާނެ އެވެ.
ލިބިދާނެ ގެއްލުންތަކާ ބެހޭ ގޮތުން ސަރުކާރާއެކު އެކި އެކި ފޯރަމްތަކާއި ބައްދަލުވުންތަކުގައި މަޝްވަރާކޮށްފައިވާނެ ކަމަށާއި އަދި ވަގުތުން ވަގުތަށް ފިޔަވަޅުތަކެއް އަޅައި ދިނުމަށް އެދުނު ނަމަވެސް ސަރުކާރުގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސަރުކާރުން ޓުއަރިޒަމް އިންޑަސްޓްރީއަށް ހާއްސަކޮށް އިއުލާނު ކުރި ރިލީފް ޕެކޭޖަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ސަބަބުން ގިނަ ފަރާތްތައް އެ ރިލީފް ޕެކޭޖަށް ޝަރުތު ހަމަ ނުވާ ކަމަށެވެ. ސަރުކާރުން ރިލީފް ޕެކޭޖް ދޭން ނިންމާފައިވަނީ އެ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުން ވަޒީފާއިން ވަކި ނުކުރަން ޝަތުރުކޮށްފަ އެވެ.
މަޓީއިން ގޮވާލާފައި ވަނީ އެކަމާ ގުޅިގެން ސަރުކާރުން ޓުއަރިޒަމް ދާއިރާގެ ވިޔަފާރިވެރިންނާ ވީހާވެސް އަވަހަށް މަޝްވަރާއަށް ދިއުމަށެވެ.