ރާއްޖެ އާންމު ހާލަތަކަށް ގޮސް، އިގްތިސާދު ހުޅުވާލުމަށް ގައުމީ ޓާސްކް ފޯހެއް އެކުލަވާލަން ރައީސް ނިިންމަވައިފި
ކޮވިޑް19 ބަލިމަޑުކަމުން އަރައިގެނެ ރާއްޖޭގެ އިގްތިސާދު ހުޅުވާލައޮ އާންމު ހާލަތަކަށް
( ނިއު ނޯމަލްއަކަށްް) ދިޔުމަށް މަސައްކަތް ކުރުމަށްޓަކައި ގައުމީ ޓާސްކް ފޯހެއް ރައީސް އުފައްދަވައި މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.
"ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ"ގެ ނަމުގައި މި ޓާސްކްފޮސް ރައީސް އުފެއްދެވީ އޭޕްރިލް 13 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށްފަހު ގައި ކަމަށް މިއަދު ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ.
އެ ޓާސްކް ފޯހުގެ ބޭނުމަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިޤްތިސާދީ އަރައިގަނެ އަދި އިޤްތިސާދީ ދުވެލި އާރާސްތުކުރުމަށް ކަމާގުޅޭ ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުމާ، ޚިޔާލާ، މަޝްވަރާގެ މަތިން، ކުރާނެ ކަންކަން ރާވައި ހިންގުމާ އަދި މި ކަންކަމަށް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމުގައި ރައީސް އޮފީހުގެ ބަޔާނުގައި ވެއެވެ.
"ސަރުކާރުގެ ވިސްނުމަކީ މި މަސައްކަތަކީ ސަރުކާރާ، ޕްރައިވެޓް ސެކްޓަރާ، ސިވިލް ސޮސައިޓީ، އަދި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމުގައި ހެދުމެވެ." ރައީސް އޮފީހުން ބުނެފައިވެއެވެ.
ނޭޝަނަލް ޓާސްކްފޯސް ސީދާ ރައީސް ސޯލިހުގެ ބެއްލެވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާއިރު ކ ޓާސްކްފޯސް ގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. އެއީ؛
• ވާރކިންގް ގްރޫޕް އޮން ފައިނޭންސް
• ވާރކިންގް ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ
• ވާރކިންގް ގްރޫޕް އޮން ސޯޝަލް ސެކްޓަރ
ރައީސް އޮފީހުން ނެރުނު ބަޔާނުގައި މި ގްރޫޕްތަކުގެ މަސައްކަތްތައް ވެސް ވަނީ ބަޔާންކޮށްފައެވެ.
އެގޮތުން، ފައިނޭންސް ވާރކިންގް ގްރޫޕްގެ މައިގަނޑު މަސައްކަތަކީ 2020 ވަނަ އަހަރުގެ ބަޖެޓު ރީޕްރައިރަޓައިޒް ކުރުމާ އަދި ކޮވިޑް-19 އާއި ގުޅިގެން ކުރަންޖެހޭ އިތުރު ޚަރަދުތައް އަންދާޒާކޮށް، އާމްދަނީ އަށް އަންނާނެ ބަދަލުތައް ދެނެގަނެ، މިކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ބަޖެޓު ހިންގުމަށް ބޭނުންވާނެ ފައިސާގެ މިންވަރުތައް ދެނެގަތުމާއެކު މި ފައިސާ ހޯދުމަށް، ބައިލެޓަރަލް، މަލްޓިލެޓަރަލް އަދި މިނޫންވެސް އެހެނިހެން ޕާޓްނަރުންނާއެކު މަސައްކަތް ކުރުމެވެ. ހަމައެހެންމެ، ސަރުކާރަށް މިހާތަނަށް ނަގާފައިވާ ބޭރުގެ ދަރަނި އަދާކުރުމުގައި ލުއިގޮތްތަކެއް ހޯދުމަށް މަޝްވަރާތައް ކުރިއަށް ގެންގޮސް ލުއި ގޮތްތަކެއް ހޯދުމަކީ ވެސް މި ގްރޫޕުގެ ޒިންމާއެކެވެ. ފައިނޭންސް ވާކިންގް ގްރޫޕްގެ މަސައްކަތް ބެހިގެންދާނީ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ މައްޗަށް ކަމުގައި ރައީސް އޮފީހުން ބުނެއެވެ.
އިކޮނިމިކް ރިކަވަރީ ވާރކިންގް ގްރޫޕްގެ މައިގަނޑު މަސައްކަތަކީ އިޤްތިސާދީ ގޮތުން އައިސްފައިވާ މަޑުޖެހުމާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން ފެށިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަދި އަމިއްލަގޮތުން އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކު، މިފަދަ ވިޔަފާރިތަކަށް ރިލީފް ޕެކޭޖުތަކެއް ޑިޒަންކޮށް ފޯރުކޮށްދިނުމާ އަދި މެދު ރާސްތާގައި ވިޔަފާރި ފަށައިގަންނަން އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ސްޓިމިއުލަސް ޕެކޭޖުތައް ތަޢާރަފްކޮށް ހިންގުމެވެ.
ހަމަ މިއާއެކު، ވަޒީފާގެ މައްސަލަތައް ދިމާވެފައިވާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ބެނިފިޓް ސްކީމުތައް ހިންގުމާއެކު މެދު ރާސްތާގައި ދިވެހިންނަށް ވަޒީފާގެ ބާޒާރުން އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކުރެވިދާން ކަންކަން ނިންމާ ހިންގުމަކީ ވެސް މި ގްރޫޕުގެ މަސައްކަތެކެވެ. ހަމަ މިއާއެކު، މިހާރުން މިހާރަށްވެސް، އިޤްތިސާދުގެ ބިންގާ ފުޅާ ކުރުމަށް ކުރެވިދާނެ އިތުރު އިޤްތިސާދީ ހަރަކާތްތައް ހޯދާ، މިކަންކަން ކުރިއަށްގެންދިއުމަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމާއި ސިއްހީ މާހިރުންގެ ލަފައާއި އިރުޝާދުގެ މަތިން، ހާލަތު ތަންދޭކަމުގައިވާނަމަ، ފަތުރުވެރިކަމާ އަދި އެހެނިހެން ދާއިރާތައް ހުޅުވާލުމުގައި ވިސްނަންޖެހޭނެ ކަންކަމާ، ނިންމަންޖެހޭ ނިންމުންތައް ނިންމާ އެފަދަ ހިސާބަކަށް ދިއުމަށް ހަދަން ޖެހޭ ޕްލޭންތައް ހަދާ، އެކަންކަން ތަންފީޒުކުރުން ވެސް ހިމެނެއެވެ.
ސޯޝަލް ސެކްޓަރ ގްރޫޕުގެ މަސައްކަތްތަކުގެ ތެރޭގައި ވަޒީފާ ގެއްލުމާ، އާމްދަނީ ލިބުން ހުއްޓުމާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް ކޮށްފާނެ އަސަރުތަކާ އަދި މަސްތުވާތަކެތީގެ ޝިކާރައަކަށް ވުމަށް ހުޅުވިދާނެ ދޮރުތަކަށް ފާރަވެރިވެ، މިކަންކަމުން އަރައިގަތުމަށް އެހީތެރިކަމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމާ އަދި ގެވެށި އަނިޔާއިން ސަލާމަތް ވުމަށާ ކުޑަ ކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ސޯޝަލް ސާރވިސަސް ގެ ހަރަކާތްތައް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން، ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ހާލަތަކަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތަކާ، އެފަރާތްތަކުގެ ތެރެއިން އަނބުރާ ރަށަށްދާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހައްލުތަކެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ހިމެނެއެވެ.
މަތީގައިވާ ވާރކިންގް ގްރޫޕްތަކުގެ އެކި މަސައްކަތްތަކަކީ މިހާރުވެސް އެކި އެކި ގޮތްގޮތުން ކުރިއަށްދާ މަސައްކަތްތަކެކެވެ. ސަރުކާރުގެ އަމާޒަކީ މި ޓާސްކްފޯސްގެ ތެރެއިން މި މަސައްކަތްތަކުގައި ކަމާގުޅޭ އިތުރު ފަރާތްތަކުގެ ބައިވެރިވުން ހިމަނާ، ފުރިހަމަ ގޮތުގައި ވިލަރެސް ކުރެވިގެން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއްގެ ގޮތުގައި ހެދުމެވެ.