ކުޑަކުދިން އުޅޭހެން ފިރިހެނުން އުޅެނީ ކީއްވެތަ؟
މިއީ ވަރަށް އާއްމުކޮށް އިވޭ ޝަކުވާއެކެވެ. ބޮޑެތި ފިރިހެނުން ވެސް ކުޑަކުދިންހެން އުޅޭކަމުގެ ޝަކުވާއެވެ. ނަމަވެސް މިހެން އެމީހުން އުޅެނީ ކީއްވެ ހެއްޔެވެ؟ އެމީހުން ހަމަ ހަގީގަތުގައި ވެސް ކުޑަކުދިންހެން އުޅެނީ ހެއްޔެވެ؟
ބައެއް ފިރިހެނުން އުމުރުން ކިތަންމެ ގިނަ ދުވަސްވެފައިވީ ނަމަވެސް ކުޑަކުދިންހެން ބައެއް ފަހަރު އުޅެއެވެ. ތަފާތު އެކި ގޭމުތައް ކުޅޭ ހިތްވުމާއި، މީހުންނާއި އެކު މަޖާ ކުރުން ފަދަ ކަންކަން ވެސް ކުރެއެވެ. އެފަދަ މީހުންނާއި އާންމު ގޮތެއްގައި އެންމެ މިޒާޖު ގުޅެނީ ވެސް އެމީހުންނަށްވުރެ އުމުރުން ހަގު މީހުންނާއެވެ.
ލަންޑަންގެ އޮކްސްފޯޑް ޔުނިވާސިޓީން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ ފިރިހެނުން މެދު އުމުރަށް ދިޔުމުން ވެސް ބައެއްފަހަރު ކުޑަކުދިން އުޅޭހެން އުޅެނީ އެމީހުން ހޭ ބުއްދި ނުޖެހޭތީއެއް ނޫން ކަމަށެވެ. އެމީހުން އެގޮތަށް އުޅެނީ އެމީހުންގެ ޅަ އުމުރުގައި ނުވަތަ ޒުވާން ދުވަސްވަރުގައި އެފަދައިން މަޖާ ނުކުރެވުނީމަ ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.
މިގެއިތުރުން ތަޖުރިބާކާރުން ބުނެފައިވަނީ، ބައެއް ފަހަރު ފިރިހެނުން ކުޑަކުދިންހެން އުޅެނީ އެހެން މީހުން ހެއްވާލާ މަޖާކުރުމުގެ ގޮތުން ކަމަށެވެ.
"އެއީ އެއްވެސް ވަރަކަށް އެމީހުންގެ ހެވާއި ނުބައި ނުވިސްނިގެނެއް ނޫން. އެހެންމީހުން ހެއްވާލުމަށްޓަކައި ވެސް އެމީހުން އެގޮތަށް އުޅޭ" އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރ އޮފް ބިހޭވޮރަލް އެންޑް މައިންޑްސެޓް ސްޓަޑީސް ޑރ. މާގަރެޓް ބްރައުން ބުނެފައިވެއެވެ.
މާގަރެޓް ބުނެފައިވަނީ ހުރިހާ ފިރިހެނުންނަކީ ކުޑަކުދިންހެން އުޅޭ ބައެއް ކަމުގައިވެސް ދެކިގެން ނުވާނެ ކަމަށެވެ.
ފިރިހެނުން މިފަދައިން ކުޑަކުދިންހެން އުޅުމުގެ ތިންވަނަ ސަބަބަކަށް މާގަރެޓް ބުނެފައިވަނީ، އެމީހުންގެ ޒިންމާތައް ގިނަވުމުގެ ސަބަބުން އަމިއްލައަށް ހިތްހަމަ ޖައްސާލުމަށެވެ. އާއިލާގެ ޚަރަދުތަކުގެ ޒިންމާއާއި، ވިޔަފާރިއެއް ހިންގާނަމަ ނުވަތަ ވަޒީފާއެއްގައި އުޅޭނަމަ އެކަމެއްގެ ޒިންމާވެސް އުފުލަން ޖެހޭއިރު ފިރިހެނުން ވެސް ވަަރަށް ބޮޑަށް ކަންބޮޑުވާނެއެވެ. އެކަން އެމީހުން ބެލެންސް ކުރަނީ އުމުރާ ނުގުޅޭ ކޮންމެވެސް ކަހަލަ ހެއްވާ މަޖާ ކަމެއް ކޮށްގެން ކަމަށް ދިރާސާތަކުން ބުނެފައިވެއެވެ.