ޚަބަރު

ސަރުކާރު ކުންފުނިތަކުގެ އެމްޑީންގެ މުސާރަ 32 ޕަސެންޓް ކުޑަކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މުސާރައިން 32 ޕަސެންޓް ކުޑަކޮށްފި އެވެ.

Ads by Sosun Fihaara

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންގެ މުސާރައިން 20 ޕަސެންޓު ކުޑަކުރަން މީގެކުރިން ނިންމާފައިވާ ކަމަށާއި ނަމަވެސް އެއަށް އިތުރު ބަދަލުތަކެއް ގެންނަން މިހާރު ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހުރިހާ ކުންފުނިތަކެއްގެ އެމްޑީ އަދި ޑީއެމްޑީންގެ އަސާސީ މުސާރައިން 22 ޕަސެންޓު އުނިކޮށް، އަދި ކުންފުނިތަކުގެ ބޯޑުގައި ތިއްބަވާތީ އެމްޑީން އަދި ޑީއެމްޑީން އަށް ބޯޑު އެލަވެންސްގެ ގޮތުގައި ލިބޭ 11،500 ރުފިޔާ މިހާރު ކަނޑާލާފައިވާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

"އެހެންވީމަ ޖުމްލަކޮށް އެމްޑީންނާއި ޑީއެމްޑީގެ މުސާރައިން ގާތްގަނޑަކަށް 32 ޕަސެންޓު ކެނޑިގެންދާނެ" އަމީރު ވިދާޅުވިއެވެ.

މީގެއިތުރުން ދައުލަތުގެ މުވައްޒަފުންގެ މުސާރަތަކަށް އަނެއްކާވެސް ބަދަލެއް ނިންމާފައިވާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ. ނަމަވެސް ދައުލަތުން މުސާރަދޭ މުވައްޒަފުންގެ ތެރެއިން 20،000 ރުފިޔާ އަށްވުރެ ދަށުން މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައަށް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"20،000 ރުފިޔާ އާއި 25،000 ރުފިޔާ އާއި ދެމެދުގެ މުސާރަ ލިބޭ ފަރާތްތަކުގެ ބޭސިކްް މުސާރައިން 20 ޕަސެންޓު އުނިކުރާނެ" އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ސަރުކާރު މުވައްޒަފުންގެ ތެރެއިން މުސާރަ 10000 ވުރެ ދަށް މުވައްޒަފަކަށް މި ހާލަތުގައި އެލަވަންސްތަކާއި އެކު އެންމެ ބޮޑުކޮށް ގެއަށް ގެންދެވޭނީ 25،000 ރުފިޔާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!