ނަމާދު ވަގުތު އަންގައިދޭ އެޕްއަކުން އެމެރިކާގެ އަސްކަރިއްޔާއިން ޑޭޓާ ވިއްކާ ކަމުގެ މައްސަލައެއް ފެންމަތި ވެއްޖެ

ގިނަ މުސްލިމުން ބޭނުން ކުރަމުން އަންނަ ބައެއް އެޕްތަކުން، ބޭނުން ކުރާ ފަރާތުގެ ޑޭޓާ، އެމެރިކާގެ އަސްކަރިއްޔާއަށް ވިއްކަމުން އަންނަ މައްސަލައެއް ފެންމަތި ވެއްޖެއެވެ.
އޮންލައިން މެގަޒިންއެއް ކަމަށްވާ ދަ މަދަރބޯޑް އިން ކޮށްފައިވާ ތަޙްޤީޤަކުން ހާމަވެފައިވާ ގޮތުގައި މުސްލިމުންނަށް ޚާއްސަކޮށްގެން އުފައްދާފައިވާ ބައެއް އެޕްތަކުގެ ޑޭޓާ، އެމެރިކާގެ ކުންފުނި ތަކަށް ދަނީ އެޕް އުފައްދާފައިވާ ކުންފުނި ތަކުން ވިއްކަމުންނެވެ. މިގޮތުން ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ނަމާދު ވަގުތު އަންގައިދޭ އެޕްތަކާއި ބައެއް ޑޭޓިންގް އެޕްތައް މި ލިސްޓްގައި ހިމަނާފައި ވެއެވެ.
މިގޮތުން 100 މިލިޔަން މީހުންގެ ޑޭޓާ ވިއްކާފައިވާ ކަމަށް އެރިޕޯޓްގައި ބަޔާންކޮށްފައި ވެއެވެ.
މި ތަޙްޤީޤާ ގުޅިގެން ބައެއް އެޕްތައް ފޯނުން ޑިލީޓް ކުރުމަށް ގޮވާލާ މީސްމީޑިޔާގައި ވަނީ ކެންޕެއިންއެއް ފަށާފައެވެ. މިގޮތުން 98 މިލިޔަން މީހުން އިންސްޓޯލްކޮށްފައިވާ، މުސްލިމް ޕްރޯ އެޕްލިކޭޝަންއިން ވެސް ޑޭޓާ ވިއްކާ ކަމުގެ ތުހުމަތުކޮށް އެޕް ބޮއިކަޓް ކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
މުސްލިމް ޕްރޯ އެޕްއަކީ ނަމާދު ވަގުތު އަންގައިދޭ، އަދި ބައެއް ޤާރީންގެ އަޑުން ޤުރުއާން ރިކޯޑްކޮށް، އެ ޖެހޭ ގޮތަށް ހަދާފައިވާ އެޕްލިކޭޝަންއެކެވެ.
އެމެރިކާގެ އަސްކަރިއްޔާއިން މިކަންވަނީ ކަށަވަރުކޮށް ދީފައެވެ. މިގޮތުން މިކަމާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމެރިކާގެ ނެވީ ކޮމާންޑަރ ޓިމް ހޯކިންސް ވިދާޅުވީ، އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށާއި މިގޮތުން ބައެއް އޮޕަރޭޝަންތަކުގައި މީހުންގެ ލޮކޭޝަން ހޯދުމަށް ބައެއް ފަހަރު ކޮންޕެނީތަކުން މީހުންގެ ޑޭޓާ ގަންނަމުން އަންނަ ކަމަށެވެ.
މިފަދަ އެޕްތަކުން މީހުން ތިބިތަނާއި ނަމާއި އުފަން ދުވަސް ފަދަ މަޢުލޫމާތު ވިއްކަމުންދާ ކަމަށް މި ރިޕޯޓްގައި ބުނެފައި ވެއެވެ.