ޚަބަރު

މަޓީގެ ބަޔާނަކީ ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ކޮޅުފައިން ޖެހުން: ފައްޔާޒު

ދެން އެމްވީ

ސަރުކާރުގެ ރިލީފް ޕެކޭޖަށް ފާޑުކިޔައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ން ނެރުނު ބަޔާނަކީ މި ހާލަތުގައި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ކޮޅުފައިން ޖެހުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މަޓީއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ގެއްލުންވާ ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން އިއުލާންކުރި އިގްތިސާދީ އެހީގެ ޕެކޭޖް ކަނޑައެޅީ އެ އެސޯސީއޭޝަނާ މަޝްވަރާ ނުކޮށް ކަމަށެވެ.

އަދި ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީއަށް އަންނާނެ ލޮޅުން ކަމަށް ސަރުކާރުން ކުރާ އަންދާޒާތައް ހަދާފައި ވަނީ ހަގީގަތަށް ބިނާކޮށް ނޫން ކަމަށް ވެސް މަޓީން ބުނެފައިވެއެވެ.

މަޓީގެ މިވާހަކަތަކަށް ރައްދު ދެއްވައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިއޮތްހާ ދުވަހު ހީކުރެވިފައި އޮތީ މި ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މި ގެންދެވުނީ މަޓީގެ ބޭފުޅުންނާއި ކަމަށާއި ނަމަވެސް މަޓީގޭ ބޭފުޅުން އެގޮތަށް ވިދާޅުވާނަމަ އޭނާ އަށް ބައްދަލުކުރައްވަން ވަޑައިގެންނެވީ ސިފަ ބަދަލުކޮށްގެން ތިބި ބައެއްތޯ ބަލާނެ ކަމަށެވެ.

"އަޅުގަނޑުމެން އެ ބޭފުޅުންނާ ވާހަކަދައްކަމުން ދިޔައީ ލޮކްޑައުން ހާލަތު އަންނަންދެން ހަފްތާއަކު އެއް ދުވަހު، ބައްދަލުކުރަމުން ގޮސް ތިން ބައްދަލުވުން ބޭއްވުނު. މަޓީގެ ފަރާތުން ކަމަށް ވިދާޅުވެ ބޭފުޅުންތަކެއް ވަޑައިގެންނެވި. އޭގެއިތުރުން އެހެން އެތައް ބައިވަރު ޖަމިއްޔާތަކުން ބޭފުޅުން ވަޑައިގެންނެވި." މިނިސްޓަރު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެ ބޭފުޅުންނާއެކު މަޝްވަރާ ކުރެވި، ރިލީފް ޕެކޭޖު ނެރޭ ވާހަކަ އެ ބޭފުޅުންނާއެކު ދެކެވުނު ކަމަށާއި އޭގެ ތަފްސީލު ވެސް ހާމަކުރެވުނު ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!