ކުލި ނުދެއްކުނު 12 މީހަކު ގެއިން ނެރެލާފައިވޭ: އެޗްއާރްސީއެމް
ކޮވިޑް-19އާ ގުޅިގެން ދިމާވާ މާލީ ދަތިކަމުގެ ސަބަބުން ކުލި ނުދެއްކުނު 12 މީހަކު ގެއިން ނެރެފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ބުނެފިއެވެ.
އެޗްއާރުސީއެމް ކުރި ދިރާސާއަކުން ދައްކާގޮތުގައި މައުލޫމާތު ދިން މީހުންގެ ތެރެއިން 25 މީހަކަށް ކުލި ދެއްކޭނެ ގޮތެއް ނެތުމުން ދިރިއުޅޭ ތަނުން ނެރެލާނެކަމަށް ގޭގެ ވެރިފަރާތުން އަންގާފައިވާ ކަމަށެވެ. އަދި 12 މީހަކު ކުލި ދެއްކޭނެ ގޮތެއް ނެތިގެން ދިރިއުޅެމުން ދިޔަ ތަނުން ނެރެފައިވާ ކަމަށްވެސް މި ދިރާސާގައިވެއެވެ.
އެޗްއާރްސީއެމްއިން ހަދާފައިވާ މި ދިރާސާއަކީ ކޮވިޑް-19އާ ގުޅިގެން ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ޙާލަތު ދެނެގަތުމަށް 1091 މީހުންނާއި 33 ކައުންސިލެއް ބައިވެރިކޮށްގެން ހަދާފައިވާ ދިރާސާއެކެވެ.
މިފަދަ 8 މީހަކު ވަގުތީ ބޯހިޔާވަހިކަމުގައި އުޅެމުން އަންނަކަމަށްވެސް މި ދިރާސާގައިވެއެވެ. މީގެ ތެރެއިން 5 މީހެއްގެ މުސާރައަށް އަސަރުކޮށް ރޯދަ މަހުގެ އިނާޔަތް ނުލިބުމުގެ ސަބަބުން ކާބޯތަކެތި ހޯދުމަށް ވަނީ ދަތިވެފައެވެ. އެޗްއާރްސީއެމްގެ ރިޕޯޓުން ދައްކާގޮތުން ތިން މީހަކު ވަނީ ފުރަބަންދުގެ ސަބަބުން ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި ތާށިވެފައެވެ.
މި ދިރާސާއަށް މައުލޫމާތު ދިން 44 ޕަސެންޓު މީހުން ކުއްޔަށް އުޅެމުން އަންނައިރު އޭގެ ތެރެއިން 30 ޕަސެންޓު މީހުންގެ ޢާމްދަނީ ވަނީ ދަށްވެފައެވެ. މީގެ ސަބަބުން ކުލި ދެއްކުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އަދި 17 ޕަސެންޓު މީހުންގެ އާމްދަނީ ދަށްވެ ކުލި ދެއްކޭނެ ގޮތެއްނެތްކަމަށް މި ދިރާސާގައިވެއެވެ.
މި ދިރާސާއަށް މަޢުލޫމާތި ދިން މީހުންގެ ތެރެއިން 74 ޕަސެންޓު މީހުންނަށް މުސާރަ ލިބެންވާ މުއްދަތުގެ ތެރޭގައި މުސާރަ ލިބިފައިވެއެވެ. ނަމަވެސް މުސާރަ ނުލިބޭ ކަމަށް 26 ޕަސެންޓު މީހުން ހިމެނޭކަމަށް މި ދިރާސާގައިވެއެވެ.